ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން އާއި ޑރ. މުހައްމަދު އިބްރާހީމް އައްޔަނު ކޮށްފިއެވެ.
އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގެ ހުވައި ލައިދެއްވީ، އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވި އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އެންމެ ފަހުން އަދާ ކުރެއްވީ ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ އިސް ޤާޟީކަމާއި، ޤާޟީކަމުގެ މަޤާމާއި، ޑްރަގު ކޯޓުގެ ޤާޟީކަން ވެސް އެ މަނިކުފާނު އަދާ ކުރައްވާފައިވެއެވެ.
ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެންނެވެ.
އޭގެ އިތުރުން، ޑޮކްޓަރ މުޙައްމަދު އިބްރާހީމް، އެމަނިކުފާނުގެ ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ޙާޞިލު ކުރައްވާފައި ވަނީ އިސްލާމިކް ކޮމަރޝަލް ލޯގެ ދާއިރާއިން މެލޭޝިއާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިންނެވެ. އެމަނިކުފާނަކީ ޕްރިމިއަރ ޗެމްބާރސްގެ ޕާޓްނަރެއްގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ގެ ކައުންސިލް މެންބަރުކަމާއި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ ޝަރީޢާ ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ޑރ. މުހައްމަދު އިބްރާހިމަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މީގެ ކުރިން ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވިއެވެ.
ސުުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު ދެ ފަނޑިޔާރުންގެ ގޮނޑި ހުސްވެފައިވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ.