ލިލީ ޝިޕިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް އިން ނަގާ އޭޕީސީއާރް ޗާޖް ނެގުން ހުއްޓާލަން އެ ކުންފުނިން ނިންމައިފިއެެވެ.
ލިލީ ޝިޕިން އިން ބުނީ އެ ކުންފުނިން ނަގާ އޭޕީސީއާރް ޗާޖް ނެގުން ހުއްޓާލަން ނިންމީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ނަގަމުން އައި 30 އިންސައްތަ ސާޗާޖް ނެގުން ހުއްޓާލަން ނިންމުމާއި ގުޅިގެން ކަމަށެވެ. އެގޮތުން އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލިލީ ޝިޕިން އިން އެތެރެކުރާ ހުރިހާ ކޮންޓެއިނަރު ތަކަކަށް އޭޕީސީއާރް ޗާޖް ނުނަގާނެ ކަމަށް ލިލީ ޝިޕިން އިން ބުނެއެވެ.
އެ ކުންފުނިން ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި އެމްޕީއެލް އާއި މޯލްޑިވްސް ފްރެއިތް ފޯރވާޑަރސް އެސޯސިއޭޝަންގެ އިތުރުން ފީޑަރ ވެސަލް އޮޕަރޭޓަރސް އިން ރާއްޖެއަށް ގެންނަ ކޮންޓެއިނަރު ތަކުން ނަގާ ޗާޖްތައް ކުޑަކޮށް، އުނިކުރުމަށް ކުރާ މަސައްކަތްތަކަށް ޝުކުރު އަދާކޮށް މި ކަންކަމުގެ ސަބަބުން ވިޔަފާރި ތަކަށާއި މުޖުތަމައުއަށް ފައިދާ ކުރާނެ ކަމަށް ބުނެފައެވެ.
އެމްޕީއެލް އިން ވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ރޭގަނޑު 23:30ން ހެނދުނު 07:30 އާއި ދެމެދު ދެވޭ ހިދުމަތްތަކުން ނަގާ 30 އިންސައްތައިގެ ސާޗާޖް އުވާލުމަށް ނިންމާފައެވެ. އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބަނދަރުތަކުން ނަގާ ހޭންޑަލިންގް އަދި ވޯފޭޖް ޗާޖުތައް އުވާލަން ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.