ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ގުޅިގެން ހިންގާ ހާއްސަ އޮޕަރޭޝަނަކަށް އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ރާއްޖެ އައިސްފިއެވެ.
މި ދެ ބޯޓު ޖެއްސީ އަންގާރަ ދުވަހު ހެނދުނު ހާއިރު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައެވެ.
އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓުތަކެއް ހަނިމާދޫ އެއާޕޯޓުގައި ޖައްސާ މަންޒަރު ފެންނަ ފޮޓޯތަކާއި ގުޅިގެން އެމްްއެންޑީއެފް ގްރޫޕުގައި ނޫސްވެރިން ސުވާލު ކުރުމުން މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ، އެ މަތިންދާ ބޯޓަކީ އިންޑިއާ ސަވައިލެންސް ޑޯނިއާގެ މަތިންދާ ބޯޓެއް ކަމަށެވެ. އަދި އެ ދެ ބޯޓް ރާއްޖެ އައީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒީ ބެލުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ކުރިޔަށް ގެންދާ އޮޕަރޭޝަނަށް ކަމަށެވެ.
އަންގާރަ ދުވަހުން ފެށިގެން މިމަހުގެ 16 ގެ ނިޔަލަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން އޭރިއަލް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ.
އާޒިމް ވިދާޅުވީ، އާއްމުކޮށް އޮޕަރޭޝަންގައި ދެ ފްލައިޓެއް އަންނާނެ ކަމަށާއި އެކަމަކު އޮޕަރޭޝަންގައި ބައިވެރިވާނީ އެންމެ ފްލައިޓެއް ކަމަށެވެ. ދެން އޮންނަ ފްލައިޓް އަކީ ބެކްއަޕްއެއްގެ ގޮތުގައި އަންނަ ފްލައިޓެއް ކަމަށެވެފުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ ބެކްއަޕް ފްލައިޓް އަކާއި އޮޕަރޭޝަން ގައި ބައިވެރިވާ ފްލައިޓެއް. ބެކް ފްލައިޓް އާއްމުކޮށް އަންނަ ދުވަހު ފުރާނެ. އެގޮތަށް ބެކްއަޕް ފްލައިޓް މިއަދު އެނބުރި ފުރާނެ. އޮޕަރޭޝަން ގައި ބައިވެރިވާނީ އެންމެ ފްލައިޓެއްއިބްރާހިމް އާޒިމް - އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް
އެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ކަމަށް ތުހުމަތުކޮށް ބަޔަކު ހައްޔަރުކޮށް ފޮޓޯއާއި ވީޑިއޯ ޑިލީޓްކުރި ކަމަށް ބައެއް ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް އެފަދަ މައްސަލައަކާއި ގުޅިގެން އެއްވެސް ފަރާތަކާއި ފުލުހުން އެއްވެސް ކަހަލަ މުޢާލަމާތެއްކޮށްފައެއް ނުވާނެ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިންޑިއާ އަސްކަރިއްޔާގެ މަތިންދާ ބޯޓެއް ރައްޖެ އައިސްފައިމިވާ ދަނޑިވަޅަކީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން ތިބޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެެވެ. އެކަމާއި ގުޅޭ ހޯމަ ދުވަހު އެމްއެންޑީއެފް އިން ބޭއްވި ނޫސްކޮންފަރެންސް ގައި ޗީފް އޮފް ޑިފެންސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، އެހެން ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށެވެ.