ކ. މާލެ
|
8 ސެޕްޓެންބަރ 2020 | އަންގާރަ 08:01
ހޯމަ ދުވަހުގެރޭ ބޭއްވި ނޫސް ކޮންފަރެންސް ގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ
ހޯމަ ދުވަހުގެރޭ ބޭއްވި ނޫސް ކޮންފަރެންސް ގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ
އެޗްއީއޯސީ
މާބަނޑު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުން
މާބަނޑު 41 މީހަކަށް ވަނީ ކޮވިޑު ޖެހިފައި
އިތުރު ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވި
މާބަނޑު މީހުން ހިމެނެނީ ހައިރިސްކު ކެޓަގަރީގައި

މާބަނޑު އަންހެނުންގެ ތެރެއިން 41 އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހޯމަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ނިއުސް ބްރީފިން ގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވަނީ ކޮވިޑުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުގެ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ.

އެ ޕްރެޒެންޓޭޝަންގެ ތެރެއިން މާބަނޑު މީހުންގެ އަދަދުތަކަށް އިޝާރާތް ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ، އެހެން ބަލިތަައް ޖެހިފައިވާ މީހުންނާ އަޅައި ބަލާއިރު މާބަނޑު މީހުންނަށް ބަލިޖެހިފައިވާ މިންވަރު ނިސްބަތުން ދަށް ކަމަށެވެ. އެކަމަކު ވެސް މާބަނޑު މީހުންނަކީ ވަކިން ހާއްސަކޮށް ސަމާލުކަމެއް ދޭން ޖެހޭ ބައެއްކަން އޭނާ ވިދާޅުވިއެވެ. މާބަނޑު މީހުންނަކީ ކޮވިޑުގެ ހައިރިސްކު ކެޓަގަރީގައި ހިމެނޭ ބަޔަކަށްވާތީވެ ޑރ. އަފްޒަލް ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮވިޑްގެ މިހާލަތުގައި ގިނަ ކަންތައްތަކަކަށް މާބަނޑު އަންހެނުން ސަމާލުވާން ޖެހެއެވެ. ކޮވިޑް-19 ޖެހިގެން މާބަނޑު މީހުން، އެހެން މީހުންނަަށްވުރެ ބޮޑަށް ސީރިއަސް ވެދާނެ ކަމުގެ ހެއްކެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. އދ.ގެ ޕޮޕިއުލޭޝަން ފަންޑުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް މާބަނޑު މީހުން އަމަލުކުރާނެ ގޮތާއި މި ހާލަތުގައި ވިހެއުމުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލާފައެވެ.

އަދި ހުން އައިސް ކެއްސާ މިފަދަ އެއްވެސް އަލާމާތްތަަކެއް ފެންނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަަކީ މުހިއްމު ކަމެކެވެ. ދާދި ފަހުން އިޓަލީން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުން ރަހިމުގައި އޮންނަ ދަރިފުޅަށްވެސް ކޮވިޑް-19 ޖެހެއެވެ. މާބަނޑު ދުވަސްވަރު މައިމީހާގެ ގައިން ދަރިފުޅަށް ޖެހޭ ބައެއް ވައިރަސްތަކުގެ ތެރޭގައި ޒިކާ ވައިރަސް އަދި އެޗްއައިވީ ފަދަ ވައިރަސް ހިމެނެއެވެ.

- ކޮމެންޓް