ރައީސް އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ހަށިކޮޅުގައި ހުޅުޖަހަން ހިތްވަރުދޭ މޭރުމަކުން ވާހަކަ ދެއްކެވި އައްބާސް އާދިލް ރިޒާގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރާއި މަޖިލީހަށް އަމާޒު ކޮށްފިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަން ވެސް ކުރެއްވި އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުގެ ވަޒީރުންގެ ތެރެއިން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ތާއީދު ކުރާ ކޮންމެ ވަޒީރަކަށް މަހަކު 10000 ޑޮލަރު ދޭ ކަމަށާއި، މަޖިލީސް މެންބަރަކަށް 5000 ޑޮލަރު ދޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އައްބާސް ވިދާޅުވީ، ސަރުކާގެ އެކި ހިސާބަށް މި "ސިޓީ އުރަ" ދާ ކަމަށެވެ. އެގޮތުން ސަރުކާރެއްގެ އިސް މަޤާމެއް ފުރުއްވި ބޭފުޅަކު އެފަދަ ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމުން އެފަދަ ކަމެއް ހިނގާނަމަ އެކަމުގެ ޙަޤީޤަތްތައް ހާމަ ކުރެއްވުމަށް އާންމުން ވެސް ދަނީ ގޮވާލަމުންނެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް "ރާއްޖެއެމްވީ" އިން ގުޅާލުމުން އައްބާސް ވަނީ އެއްވެސް ވާހަކައެއް ދައްކަވަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ކުރެއްވި ޓްވީޓާ ގުޅިގެން ސުވާލު ކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މިފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ކަމަށް ވިދާޅުވާ މޭރުމަކުން އައްބާސް ވަނީ އެތައް ވާހަކައެއް ދައްކަވާފައެވެ. އެގޮތުން ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ޕީޕީއެމްގެ ސަޕޯޓަރަކު ގޮވާލުމުން ވެސް އައްބާސް ވަނީ "މިނިވަންކަން ނަގާލާ ހިސާބުން އަލިފާން ވެސް ހުއްދަވާނެ" ކަމަށް ވިދާޅުވެ އެ އަމަލު ދިފާއު ކުރައްވާފައެވެ.
އޭގެ އިތުރުން، އައްބާސް ވަނީ އިންޑިއާ ސިފައިން "ފުރާނަ ބޭނުން ނަމަ" ރާއްޖެ ދޫކޮށް ދާން ޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. ނަމަވެސް އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި، އެ މައްސަލައިގައި ޤާނޫނުގައިވާ ގޮތުގެ މަތިން ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބުނެ އެތައް ބަޔަކު ވަނީ އަޑު އުފުލާފައެވެ.