ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 18:06
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ރޮނާލްޑޯ އަނިޔާއިން ރަނގަޅުވުން
ސްވިޑެން މެޗުގައި ރޮނާލްޑޯއަށް ކުޅެވޭނެ
ކްރޮއޭޝިއާ މެޗުގައި އަނިޔާގެ ސަބަބުން ރޮނާލްޑޯ ކުޅެފައެއް ނުވޭ
ރޮނާލްޑޯގެ ފަޔަށް އަނިޔާވީ ޕޯޗުގަލްގެ މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގައި ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަންގާރަ ދުވަހުގެރޭ ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗަށް ޕޯޗުގަލް ނުކުންނައިރު، ޕޯޗުގަލްގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ މިހާރު އަންނަނީ ބައިވެރިވަމުންނެވެ. ނޭޝަންސް ލީގުގައި ޕޯޗުގަލްއިން ކުޅުނު ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން ރޮނާލްޑޯ ކުޅެފައިނުވާއިރު، ރޮނާލްޑޯ އެމެޗުގައި ކުޅެފައި ނުވަނީ އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯގެ ފަޔަށް އަނިޔާވީ ޕޯޗުގަލްގެ މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ.

އެ އަނިޔާއިން މިހާރު އޭނާ ރަނގަޅު ވެފައިވާއިރު، ސްވިޑެން މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރޮނާލްޑޯ ކުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯ މިހާތަނަށް ޕޯޗުގަލްގެ ޖާޒީގައި 99 ލަނޑު ކާމިޔާބުކޮށްފައިވާއިރު، ސްވިޑެން މެޗުގައި ލަނޑު ޖަހާ 100 ލަނޑު ހަމަކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.

ޕޯޗުގަލް އާއި ސްވިޑެން މިހާތަނަށް ފަސް ފަހަރު ބައްދަލުކޮށްފައިވާއިރު، ޕޯޗުގަލް ވަނީ ދެ ފަހަރު ސްވިޑެން އަތުން މޮޅުވެފައެވެ. އަދި މީގެ ކުރިން 2013 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ސްވިޑެން އާއި ޕޯޗުގަލް ބައްދަލުކުރި މެޗު 3-2 ން ޕޯޗުގަލްއިން ކާމިޔާބުކުރިއިރު، މި މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކް ހަދާފައެވެ.

މިފަހަރުގެ ނޭޝަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލް ލީގު އޭ ގްރޫޕް ތިނެއްގައި ހިމެނޭއިރު، އެޓީމުން ރޮނާލްޑޯ ނުލާ ކުޅުނު ފުރަތަމަ މެޗުން ވަނީ ފަސޭހަކަމާއެކު ކްރޮއޭޝިއާ އަތުން 4-1 ން މޮޅުވެފައެވެ. މި މުބާރާތުގައި ޕޯޗުގަލްއިން ކުޅޭ ދެވަނަ މެޗުގައި ސްވިޑެންއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެރޭ ރާއްޖެ ގަޑުން 23:45 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް