ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 17:10
ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އަާއި މިޑްފީލްޑަރު ޓޯނީ ކްރޫސް
ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އަާއި މިޑްފީލްޑަރު ޓޯނީ ކްރޫސް
ގެޓީ އިމޭޖަސް
ކްރޫސްގެ ތާރީފު ޒިދާނަށް
ޒިދާނަކީ ޓީމަކަށް ލިބޭނެ އެންމެ މޮޅު ކޯޗު: ކްރޫސް
"ޒިދާނަކީ ކޮންމެ މެޗަކަށްވެސް ފުރިހަމައަށް ކުޅުންތެރިން ތައްޔާރުކުރާ ކޯޗެއް"
ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްފައި

ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާނަކީ ޓީމަކަށް ލިބޭނެ އެންމެ މޮޅު ކޯޗު ކަމަށާއި، ރެއާލްގެ ހުރިހާ ނިންމުންތަކެއް ނިންމަނީ އޭނާ ކަމަށް އެޓީމަށް ކުޅެމުން އަންނަ ޖަރުމަންގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ބުނެފިއެވެ.

މީގެ ކުރިން ޔުއެފާ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްދިނުމަށްފަހު ޒިދާން ރެއާލް ދޫކޮށްލި ނަމަވެސް، އޭގެ ނުވަ މަސް ފަހުން އެނބުރި ޓީމާ ގުޅުމަށްފަހު ޒިދާން ވަނީ ރެއާލަށް މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްދީފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކްރޫސް ބުނީ ޒިދާނަކީ ކޮންމެ މެޗަކަށްވެސް ފުރިހަމައަށް ކުޅުންތެރިން ތައްޔާރުކުރާ ކޯޗެއް ކަމަށާއި، މެޗުގެ ހާލަތު ބަދަލުވާން ފަށާއިރަށް ކުޅުންތެރިންނަށް ދެވަނަ ޕްލޭނާ އެއްގޮތަށް ކުޅުމަށް ރަނގަޅު ވަގުތު އިރުޝާދު ދޭ ކޯޗެއް ކަމަށެވެ. އަދި މެޗު ކުޅެ ނިންމާލުމަށްފަހު ކުޅުންތެރިންނަށް ހެދޭ ގޯސްތައް ޖެހިލުމެއް ނެތި ކިޔައިދޭ ކަމަށްވެސް ކްރޫސް ބުންޏެވެ.

އަދި ބުނީ ޒިދާނަށް ކޮންމެ ކުޅުންތެރިޔަކީވެސް ހަމަހަމަ ކުޅުންތެރިއެއް ކަމަށާއި، އޭނާ ސްކޮޑުން ޖާގަ ދޭނީ އެއިރަކު އެންމެ ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިންނަށް ކަމަށެވެ.

ކްރޫސް ބުނީ ޖަރުމަންގެ ބަޔާން މިއުނިކް ދޫކޮށް އޭނާ ރެއާލަށް ބަދަލުވީ އިތުރު ކާމިޔާބީތައް ހޯދުމަށް ކަމަށާއި، ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން އެއީ މީގެ ކުރިން ވިސްނި ކަމެއް ނޫން ކަމަށެވެ.

މީގެ ކުރިން ޒިދާން ވަނީ ކްރޫސްއަށް ތާރީފުކޮށް ވާހަކަދައްކާފައެވެ. އެފަހަރު ޒިދާން ބުނީ ކޯޗިން ކެރިއަރު ނިންމާލާނީ ފަހުރުވެރި ކަމާއެކުގައި ކަމަށާއި، އެގޮތުން ކޯޗިންނަށް އަލަށް ވަންނަ ފަރާތްތަކުގެ ކައިރީގައި އޭނާ ކްރިސްޓިއާނޯ ރޮނާލްޑޯ އަށާއި، ގެރެތު ބޭލްގެ އިތުރުން ކްރޫސްއަށް ކޯޗުކަން ކޮށްދިން ކަމަށް ބުނާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ކްރޫސް އަކީ އޭނާ ކުޅުނު މަގާމަށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވެސް ޒިދާން ބުންޏެވެ.

މި ސީޒަނާއި މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ރެއާލް ކެޓި ނަމަވެސް، އޭގެ ކުރީ ތިން ސީޒަނުގައި ރެއާލުން ވަނީ ޒިދާންގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. 2016-2018 ގެ ނިޔަލަށް ޒިދާން އެންމެ ފުރަތަމަ ރެއާލަށް އިރުޝާދު ދިންއިރު، ޖެހިޖެހިހެން ތިން ފަހަރަށް ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ކުއްލި ގޮތަކަށް ރެއާލްގެ ކޯޗުކަން އޭނާ ދޫކޮށްލިއެވެ. ޒިދާން ދެވަނަ ފަހަރަށް ރެއާލާ ހަވާލުވީ މިދިޔަ އަހަރު މާޗު މަހުގައެވެ. ރެއާލާއެކު ޒިދާން މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުއެވެ.

ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލުން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާއިރު، ކޯޗެއްގެ ގޮތުގައި ޒިދާން ވަނީ މިހާތަނަށް ރެއާލާއެކު ޖުމްލަ 11 ތަށި ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް