ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ އިދާރާ އިން ބުނީ އޭގެއިތުރުން އޮންލައިންކޮށް ވިޔަފާރިކޮށް، އޮންލައިން ޓްރާންސްފަރ ކުރުމަށްފަހު ނުބައި ސްލިޕެއް ފޮނުވާ މައްސަލަތައް ވެސް ހުށަހެޅޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. ހާއްސަކޮށް މިފަދަ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތައް އިތުރުވެ ގިނަ ވިޔަފާރިތަކުން އޮންލައިން ޓްރާންސްފަރ ގަބޫލުކުރަން ފެށުމުންކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުކަން ފާހަގަކުރައްވައި، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ހަނީފް ވިދާޅުވީ އެ ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ޑޮަލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި ވިޔަފާރި ކުރުމަށްފަހު ނުބައި ޓްރާންސްފަރ ސްލިޕް ފޮނުވާ މައްސަލަތައް ވެސް ހުށަހެޅޭ މިންވަރު އިތުރު ކަމަށެވެ. އަދި ޑޮލަރު ހޯދުމަށް މުއާމަލާތު ކުރާ ފަރާތުގެ ފުރިހަމަ މައުލޫމާތު ނޭނގުމަކީ މިފަދަ މައްސަލަތަކުގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމެއްކަމުގައި ވިދާޅުވިއެވެ.
އެހެންކަމުން އަޅުގަނޑުމެން އެންމެވެސް މިފަދަ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ. ވަކިން ހާއްސަކޮށް ފައިސާގެ މުއާމަލާތެއް ކުރާނަމަ މުއާމަލާތުކުރާ ފަރާތުގެ ސައްހަ މައުލޫމާތު ހޯދައި ޔަގީން ކުރުމަށްފަހު ނޫނީ ފައިސާގެ މުއާމަލާތު ނުކުރުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި މިފަދަ ފަރާތްތަކާ ފޯނުން މުއާމަލާތުކުރުމުގެ ބަދަލުގައި އެމީހަކާ ބައްދަލުކޮށް، ކާކުކަން ރަނގަޅަށް ބެލުމާއި ފައިސާ ޖަމާކުރަން ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓް ނަންބަރުތޯ ޔަގީންކުރުމަކީވެސް މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ.
ފުލުހުން ބުނީ މިދުވަސްވަރަކީ ކޮވިޑްގެ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްކަމުން، ގިނަ ފަރާތްތަކުން ފައިސާ ގެންގުޅުމުގެ ބަދަލުގައި އޮންލައިން ޓްރާންސްފަރ ކުރުމާއި ގިނަ ވިޔަފާރިތަކުން ވެސް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން ވިޔަފާރިތަކުން ވެސް ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު ފައިސާ ޓްރާންސްފަރ ކުރުމަށް ބުނެފައިވާ އެކައުންޓަށް ޖަމާކޮށް ސްލިޕް ފޮނުވި ނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި ފައިސާ ޖަމާވިކަން ޔަގީން ކުރުމަަށްފަހު ނޫނީ މުދާ ޑެލިވަރީ ނުކުރުމަކީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.