އިލެކްޝަންސް ކޮމިޝަނުން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބައްދަލުވުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާން ކުރާ ކަންކަން ފުރިހަމަ ކުރުމުގައި ޑީއާރުޕީއަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރަައީސް އަހުމަދު އަކްރަމް ވިދާޅުވީ ޑީއާރުޕީއާ ބައްދަލުކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ ކަންތައްތަކުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ކުރަމުން ނުދާތީ ކަަމަށެވެ. އެގޮތުން ޕާޓީގެ ކޮންގްރެސް ނުބޭއްވުމާއި އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށައަޅާފައިނުވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަކްރަމް ވިދާޅުވީ އެކަންތައް ކުރަމުން ނުދަނީ ކީއްވެތޯ ބަލައި ދިމާވާ މައްސަލައަކީ ކޮބައިތޯ އޮޅުންފިލުވާފައިވާ ކަމަށެވެ. އަދި، އެކަންތައްތައް ކޮށްފައިނުވަނީ ޕާޓީގެ ލީޑަރޝިޕް ބަދަލުވުމުން ކުރިން ހުރި ލިޔެކިޔުންތައް ނެތުމުން ކަަމަށް ޑީއާރްޕީ އިން ބުނެފައިވާ ކަަމަށް އަކްރަމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޑީއާރްޕީގެ ފަރާތުން އެކަންތައްތައް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތަކަށް އެދުނު ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް އިތުރަށް ވިދާޅުވީ ކޮމިޝަނުން މަޝްވަރާ ކުރުމަށްފަހު އެ ފުރުސަތު ދިނުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.
މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އިތުރުން ކޮމިޝަންގެ އިތުރު މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޑީއާރުޕީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ޖާބިރު ބައިވެރިވެވަޑައިގެންނެވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީއާއެކު މަޝްވަރާ ބާއްދަލުވުމެއް ބޭއްވިއިރު، ޑީއާރުޕީ އަތުން ޖޫރިމަނާ ފައިސާ ހޯދަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދައުވާ ކޮށްފައެވެ. ދައުވާ ކޮށްފައިވަނީ އެ ޕާޓީގެ ތިން އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ.