ދިރާގުން 'ސްމާޓްބީންސް އިންކް' އާއި ލިއާ އިންކް ގުޅިގެން ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓް "ވޫހޫ" ތައާރަފުކުރަން ނިންމައިފިއެވެ.
ވޫހޫ އަކީ އާޓިފިޝަލް އިންޓަލިޖެންސް ނުވަތަ އޭ.އައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަސްޓަމަރުން ބޭނުންވާ ކަންތައްތައް "ވޮއިސް ކޮމާންޑް" އަކުން އެއްވެސް މީހަކާ ކޮންޓެކްޓް ނުވެ ކުރެވޭނެ ވަސީލަތެކެވެ.
ވޫހޫ އަކީ ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށް ކަސްޓަމަރުންނާއި ފަތުރުވެރިންނަށް އިތުރު ހިތްހަމަ ޖެހުމާއި ރަގަޅު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ސިލިކޯން ވެލީގެ ކުންފުންޏެއް ކަމަށްވާ ސްމާޓް ބީންގސް އިންކް އިން ތައްޔާރު ކުރި، އެވޯޑް ހާސިލްކޮށްފައިވާ އެންޓަޕްރައިޒް އޭ.އައި އެސިސްޓެންޓެކެވެ.
ވޫހޫގެ ވޮއިސް އޭ.އައި އެސިސްޓެންޓުންގެ ސްޕީކަރސް (ޖޭ.ބީ.އެލް އިން ފޯރުކޮށްދީފައިވާ) އިން ގެސްޓުންނަށް ފަސޭހަކަމާއެކު ޑިވައިސް އާ ވާހަކަ ދައްކައިގެން ނުވަތަ ވޮއިސް ކޮމާންޑް މެދުވެރުކޮށް ބޭނުންވާ ކަންތައްތައް ކުރެވޭނެއެވެ. މިސާލަކަށް ރޫމް ސަރވިސް އަށް އޯޑަރ ކުރުން، މިއުޒިކް، ރޫމްގެ ޓެމްޕަރޭޗަރ ކޮންޓްރޯލް ކޮށް ރިސެޕްޝަންއަށް ގުޅުން ފަދަ ކަންތައްތައް ހިމެނެއެވެ. ވޫހޫގައި މިހާރު 40ށްވުރެ ގިނަ ހޮސްޕިޓާލިޓީ ސޮލިއުޝަންސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އިން-ރޫމް އޮޓޮމޭޝަން، ހައުސްކީޕިންގ، ޕްރޮޕާޓީ މެނޭޖްމެންޓް އަދި ޕޮއިންޓް އޮފް ސޭލްސް ފަދަ ޚިދުމަތްތައް ހިމެނެއެވެ.
ލިއާ އިންކް އިން ފޯރިކޮށްދީފައިވާ ވޫހޫ 3ޑީ ޓެބްޕެލެޓްސް އަކީ ވޫހޫ ވޮއިސް އެސިސްޓެންޓަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ޑިވައިސްއެކެވެ. އަދި މިއީ 3ޑީ ލައިޑްފީލްޑް ޓެބްލެޓްގެ އެންމެ ފުރަތަމަ ޓެބެލެޓްވެސް މެއެވެ. މި ޓެބްލެޓް މެދުވެރިކޮށް އަސްލާ އެއްގޮތަށް، 3ޑީ ކޮށް މަންޒަރުތަކާއި ފޮޓޯތައް ބަލާލެވޭނެއެވެ. އަދި މި ހާއްސަ ޓެބްލެޓް ބޭނުން ކުރުމަށް އެއްވެސް ހާއްސަ 3ޑީ އައިނެއް ފަދަ އެއްޗެއް ބޭނުން ނުވާނެއެވެ. ލިއާ އިންކް އަކީ ދުނިޔޭގައި މޯބައިލް ޑިވައިސްތަކަށް ލައިޓް ފީލްޑް ޓެކްނޮލޮޖީ އެންމެ ފުޅާދާއިރާ އެއްގައި ފޯރުކޮށްދޭ ކުންފުންޏެވެ.
ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓިގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށާއި އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަފާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައި ދިނުމަށް ދިރާގުން އަބަދު ވެސް މަސައްކަތް ކުރާނެ ކަަމަށް އެ ކުންފުނިން ބުންޏެވެ.