ކ. މާލެ
|
5 ސެޕްޓެންބަރ 2020 | ހޮނިހިރު 18:40
މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އާއި ޤާނޫނީ ވަކީލު ހަސަން ލަތީފް
މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އާއި ޤާނޫނީ ވަކީލު ހަސަން ލަތީފް
ފޭސްބުކް
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ
ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރާނެ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: ތާޅަފިލި އަލިބެ
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައި
"އެއީ ކަނޑައެޅިގެން ކޯޓުގައިވާ މައްސަލައަށް ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތެއް"
"އައިޓީޓީއެފްއިން ރާއްޖެ ސަސްޕެންޑް ކުރުމަކީ އެއްވެސް ހާލެއްގައި އޭނާ ބޭނުންވާނެ ކަމެއް ނޫން، އެ ފުރުސަތު ނުދޭނަން"

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ބުނެފިއެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެފައެވެ. ޓީޓީގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތާޅަފިލި އަލިބެއެވެ.

ދާދި ފަހުން ޓީޓީ އެސޯސިއޭޝަނުން ވަނީ އެ އެސޯސިއޭޝަނުގެ އިންތިޚާބު ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދާނަމަ، އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ރާއްޖެ ސަސްޕެންޑް ކުރުމުގެ ބިރު އެބައޮތް ކަމަށް ބުނެފައެވެ.

އެއާއެކު ހޮނިިހިރު ދުވަހު ތާޅަފިލި އަލިބެ ނެރުއްވި ބަޔާނެއްގައި ބުނީ ޓީޓީ އެސޯސިއޭޝަނުގެ ކުރިއަށް އޮތް އިންތިޚާބަކީ އިންސާފުވެރި ދެފުށްފެންނަ އިންތިޚާބަކަށް ހައްދަވާދެއްވުން އެދި ޤާނޫނުގައި ބަޔާންކޮށްފައިވާ ރާއްޖޭގެ ކުޅިވަރާ ބެހޭ އެންމެހައި ފަރާތްތަކަށް ހުށަހެޅުމަށްފަހު، އެކަށީގެންވާ ގޮތެއްގައި އެކަން ކޮށްދެއްވުމަށް އެފަރާތްތަކުން އުޒުރުވެރިވެ، އެހުރިހާ ދޮރެއް ބަންދުވުމުން، އެ ފަރާތްތަކުން އިންސާފު ލިބޭނޭ ކަމަށް ޤަބޫލު ނުކުރެވޭތީ، މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެގޮތުން އިންސާފު ހޯދުމަށް ކުރެވޭ މަސައްކަތާއި ދެކޮޅަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ތެރޭގައި އެކަމުގެ ސަބަބުން ޓީޓީގެ ބައިނަލްއަގުވާމީ އިދާރާ ކަމަށްވާ އައިޓީޓީއެފްއިން ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާ މެދު ފިޔަވަޅު އަޅައި، އަދި އެފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓީޓީ ސަސްޕެންޑްވެދާނެ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަމުން ގެންދާ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ކޯޓުގައިވާ މައްސަލައަށް ނުފޫޒު ފޯރުވަން ކުރަމުންދާ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރަށް ތާޅަފިލި އަލިބެ ވިދާޅުވީ އެގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރިއަށް އޮތް އިންތިޚާބުގައި ޓީޓީ ކުޅުންތެރިން އޭނާއާ މެދު ނަފުރަތު އުފެއްދުމަށް ކަމަށާއި، އެއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި ބަޔާނުގައި އަލިބެ ވަނީ އައިޓީޓީއެފްއިން ރާއްޖެ ސަސްޕެންޑް ކުރުމަކީ އެއްވެސް ހާލެއްގައި އޭނާ ބޭނުންވާނެ ކަމެއް ނޫން ކަމަށާއި، އެ ފުރުސަތު ނުދޭނޭ ކަމަށްވެސް ބުނެފައެވެ.

އެހެންކަމުން، މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިންވެސް އައިޓީޓީއެފްއަށް މި މައްސަލައިގެ ތަފުސީލު ހިއްސާކޮށް، އެފަރާތުން މިކަމުގައި ދެކޭ ގޮތް ސާފުކުރި ކަމަށާއި، ލިޔުމުން ފޮނުވި ސިޓީއެއްގެ ޖަވާބުގައި އައިޓީޓީއެފްގެ ރައީސް ތޯމަސް ވައިކާޓްގެ ފަރާތުން ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުގެ ރައީސަށް ކޮޕީކޮށް، ފޮނުއްވި ލިޔުމުގައި އެ އެސޯސިއޭޝަނުގެ އިންތިޚާބުގެ ކަންކަމަކީ ރާއްޖޭގެ އެތެރޭގެ ކަމެއް ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް ތާޅަފިލި އަލިބެގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން، އައިޓީޓީއެފްގެ ރައީސް ވައިކާޓްއާ ކުރެވުނު މުއާމަލާތްތަކުގައި އެސޯސިއޭޝަނުގެ އިންތިޚާބުގެ ކަންކަމާ ގުޅިގެން މައްސަލައެއް ކޯޓަށް ހުށަހަޅައި ކޯޓުން އެކަމުގައި ގޮތެއް ނިންމުމަކީ އެސޯސިއޭޝަނާ މެދު އައިޓީޓީއެފްއިން އެއްވެސް ފިޔަވަޅެއް އަޅާނެ ކަމެއް ނޫންކަން ވަރަށް ސާފުކޮށް ވިދާޅުވެފައިވުމުން، ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޯމަތިވެފައިވަނިކޮށް، އަދި އިންތިޚާބާ ގުޅޭ ގޮތުން ގަވާއިދާ ޚިލާފަށް ހިންގާފައިވާ އެތައް ކަމެއްގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ވަގުތެއްގައި، ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމުގެ މަގުސަދަކީ، އިންތިޚާބުގައި ތާޅަފިލި އަލިބެއަށް ތާއީދުކުރާ ފަރާތްތަކުގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެފަދަ ދަށުދަރަޖައިގެ އަމަލު ހިންގަވަމުން ގެންދަވާ ފަރާތްތަކުން އެކަން ހުއްޓާލެއްވުމަށާއި، އިންތިޚާބުތަކުގައި ވާދަކުރުމަށް އޮންނަ ރިވެތި އުސޫލުތަކުގެ ތެރެއިން، ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށް ތާޅަފިލި އަލިބެ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ ކުރިން ޓީޓީ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވީ ޓީޓީގެ އިންތިޚާބުގެ ހުރިހާ ކަމެއް މިހާތަނަށް ގެންގޮސްފައިވާނީ އިންސާފުވެރިކޮށް ކަމަށާއި، ޓީޓީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އިންތިޚާބީ ކޮމިޓީން ކަމަށްވެސް ވިދާޅުވިއެވެ. އަދި ޓީޓީގެ އިންތިޚާބުގެ ކަންކަން ހިނގަމުން އަންނަނީ ރަނގަޅަށް ކަމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށާއި، އިންތިޚާބު ބޭއްވުމަށް އެ މަޖިލީހުން ރުހުންދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސުޖާއު ވިދާޅުވީ، ޓީޓީގެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހަޅުއްވައިގެން އުޅޭ ފަރާތްތަކަކީ، އެ ފަރާތްތަކުގެ އަމިއްލަ ބޭނުމަށް އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން އުޅޭ ފަރާތްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ ކޯޓުގައި އޮތްއިރު، އަންނަ އަންގާރަ ދުވަހު އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި މިހާރުގެ ރައީސް އަލީ ރަޝީދު އާއި ތޯހާ ސަލީމް އަދި މުހައްމަދު ޖަލާލް ވާދަކުރައްވާއިރު، ޖަލާލުގެ ނަން އަނބުރާ ނެގުމަށް އޭނާ ނިންމާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަޒާންދާރުގެ މަގާމާއި، ފިރިހެން އަދި އަންހެން މެންބަރުން ތަމްސީލްކުރާ ގޮނޑި އާއި، ކުލަބުތަކާއި ބެލެނިވެރިން ތަމްސީލުކުރާ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 15 ކުލަބަކާއި، 270 މެންބަރުން ވޯޓުލާނެ ކަމަށާއި، މިހާރުގެ ހާލަތާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
5 ސެޕްޓެންބަރ 2020 | ހޮނިހިރު 20:15
ޕިނޯކިއޯ ލީޖާމް
އަހަރެން ހަސަންކޮއަށް ހެޔޮއެދެން. ހިތާމައަކީ ހަސަންކޮގެ ސައިޒަކީ ހަމައަސްލުވެސް ހަސަންކޮގެ ސައިޒްކަން މިފަހަރު އެނގޭނެ. އައި.ޓީ.ޓީ.އެފްއިން ކޯޓަށް މައްސަލަ ވައްދަން ބާރުއަޅާ ކަމެއް ނުކުރާނެކަން (އުމުރުން) ކުޑަ ކުއްޖަކަށްވެސް އެނގޭނެ!