ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 13:02
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ: އޭނާ ބާސާ ދޫކޮށްލަން ބޭނުންވޭ
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ: އޭނާ ބާސާ ދޫކޮށްލަން ބޭނުންވޭ
ގެޓީ އިމޭޖަސް
މެސީ ބާސާގައި މަޑުކުރުން
މެސީގެ ނިންމުން ބަދަލުކޮށް ބާސާގައި މަޑުކުރަނީ
މެސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލަން ބޭނުންވާކަން މެނޭޖުމަންޓަށް އަންގާފައި
އެކަމަކު މެސީގެ ބައްޕަ ޖޯޖް މެސީ ބުނީ އަންނަ ސީޒަނުގައި މެސީ ބާސާގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް

މި ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެ ކުލަބުގެ ކެޕްޓަން ލިއޮނެލް މެސީ ހާމަކުރި ނަމަވެސް، އެ ނިންމުން ބަދަލުކޮށް ކުރިއަށް އޮތް ސީޒަނަށް އޭނާ ބާސާގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ދާދި ފަހުން މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

އެކަމާ ގުޅިގެން ދާދި ފަހުން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ މެސީގެ ބައްޕަ ޖޯޖް މެސީ އާއި މެސީގެ އޭޖެންޓާއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ. ބުރާސްފަތި ދުވަހުގެ ބައްދަލުވުމަށްފަހު މީޑިއާއިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން މެސީގެ ބައްޕަ ޖޯޖް މެސީ ވަނީ އަންނަ ސީޒަނުގައި މެސީ ބާސާގައި މަޑުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައެވެ.

މީގެ ކުރިން މީޑިއާތަކުން ވަނީ މެސީގެ އެއްބަސްވުން ބަދަލުކުރުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވެއްޖެ ނަމަ، ޤާނޫނީ ވަކީލުން މެދުވެރިކޮށް ކުރިއަށް ދިޔުމަށް މެސީ މަސައްކަތް ކުރަމުން އައި ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ކޯޓަށް ގޮސްގެން ބާސާ ދޫކޮށްލާން މަސައްކަތްކުރުމުގެ ޚިޔާލު މެސީ ދޫކޮށްލީ އޭނާގެ ޤާނޫނީ ޓީމުގެ ލަފާގެ މަތިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެސީގެ ޓްރާންސްފާއާ ގުޅިގެން ސްޕެނިޝް ލީގުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެސީގެ އެއްބަސްވުމުގައި އޭނާ ކުލަބު ބަދަލުކުރެވޭނެ ގޮތް ސާފުކޮށް ލިޔެފައިވާ ކަމަށާއި، އެއަށް ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އެ ގޮތުން އެއްބަސްވުން ހަމަވުމުގެ ކުރިން މެސީއަށް އެހެން ކުލަބަކަށް ދެވޭނީ 700 މިލިއަން ޔޫރޯ ދައްކައިގެން ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.

އުމުރުން މިހާރު 33 އަހަރުގެ މެސީ ބާސާ ދޫކޮށްލަން މަސައްކަތް ކުރަމުން އަންނައިރު، ޔޫރަޕްގެ ގިނަ ކުލަބުތަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި، ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާންވެސް ހިމެނެއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން މެސީ ބަދަލުވުން އެންމެ ގާތީ ޕެޕް ގާޑިއޯލާ އިރުޝާދު ދެމުން އަންނަ ސިޓީއަށެވެ.

ބާސާ ދޫކޮށްލަން މެސީ ބޭނުންވާއިރު، އައު ސީޒަނަށް ޕްރީ-ސީޒަން ފެށުމުގެ ގޮތުން ބާސާގެ ކުޅުންތެރިން ކޮވިޑް-19 އަށް އާދީއްތަ ދުވަހު ޓެސްޓު ކުރިއިރު، ކޮވިޑް-19 ޓެސްޓު ހެދުމަށް މެސީ ހާޒިރެއް ނުވެއެވެ. އަދި ހޯމަ ދުވަހު އޮތް ފަރިތަކުރުންތަކުގައިވެސް މެސީ ބައިވެރިވެފައެއް ނުވެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް