ކ. މާލެ
|
4 ސެޕްޓެންބަރ 2020 | ހުކުރު 02:32
ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ޔުއެފާ ނޭޝަންސް ލީގު
ފަހު ވަގުތު ގަޔާ ޖެހި ލަނޑާއެކު ޖަރުމަން އަތުން ސްޕެއިން ސަލާމަތްވެއްޖެ
ނޭޝަންސް ލީގުގެ އައު ސީޒަން ފެށީ ބުރާސްފަތި ދުވަހުގެރޭ
ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

ޔުއެފާ ނޭޝަންސް ލީގުގައި ފަހު ވަގުތު ޑިފެންޑަރު ހޯސޭ ގަޔާ ކާމިޔާބުކުރި ލަނޑާއެކު، ޖަރުމަން އަތުން ސްޕެއިން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ނޭޝަންސް ލީގުގެ އައު ސީޒަން ބުރާސްފަތި ދުވަހުގެރޭ ފެށިއިރު، ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ޖަރުމަންގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި މެޗުގެ ކުރީކޮޅު ޖަރުމަނުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ. އަދި އޭގެ ފަހުން ސްޕެއިނުންވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލީޑު ނަގާފައެވެ. މިޑްފީލްޑަރު ރޮބިން ގޮސެންސް ދިން ޕާހަކުން މި ލަނޑު ޖަރުމަނަށް ކާމިޔާބުކޮށްދިނީ ދާދި ފަހުން ޗެލްސީއާ ގުޅުނު ފޯވާޑް ޓިމޯ ވާނާއެވެ.

ޖަރުމަނުން މެޗުގައި ލީޑު ނެގުމާއެކު ސްޕެއިނުން ވަނީ މެޗު ޑޮމިނޭޓުކޮށް، ނަތީޖާ އެއްވަރުކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެ މަސައްކަތް ސްޕެއިނަށް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައެވެ. ފޯވާޑް ރޮޑްރީގޯގެ އެހީއާއެކު މި ލަނޑު ސްޕެއިނަށް ކާމިޔާބުކޮށްދިނީ ވެލެންސިއާގެ ޑިފެންޑަރު ހޯސޭ ގަޔާއެވެ.

ލީގު އޭ ގްރޫޕް ހަތަރެއްގައި ހިމެނޭ ޖަރުމަނާއި ސްޕެއިން ބައްދަލުކުރި މެޗު އެއްވަރުވިއިރު، މި ގްރޫޕްގައި ދެން ހިމެނޭ ޔޫކްރޭން ވަނީ ބުރާސްފަތި ދުވަހުގެރޭ ސްވިޒަލެންޑް އަތުން 2-1 ން މޮޅުވެފައެވެ.

ނޭޝަންސް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ބައެއް އެހެން މެޗުތަކަށް ބަލާލާއިރު، ލީގު ބީ ގްރޫޕް ހަތަރެއްގައި ހިމެނޭ ވޭލްސް ވަނީ ފިންލެންޑް އަތުން 1-0 ން މޮޅުވެފައެވެ. އަދި ލީގު ބީ ގްރޫޕް ތިނެއްގައި ހިމެނޭ ރަޝިއާ ވަނީ ސާބިއާ އަތުން 3-1 ން މޮޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް