ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 21:57
ކޮވިޑް-19 އާއި އެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ގޭގައި ކާބޯތަކެތި ހަދައި އާމްދަނީ ހޯދަމުން
ކޮވިޑް-19 އާއި އެކު ގިނަ އަދަދެއްގެ ބަޔަކު ދަނީ ގޭގައި ކާބޯތަކެތި ހަދައި އާމްދަނީ ހޯދަމުން
ގޭގައި ތިބެގެން އާމްދަނީ ހޯދުން
އެޗްޕީއޭގެ ގަވާއިދުން ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ހުރަހެއް ނެތް
މީގެ ކުރިން އެޗްޕީއޭ އިން ވަނީ ގޭގައި ތިބެގެން ކާބޯތަކެތި ހަދައިގެން ވިއްކާ މީހުން އެޗްޕީއޭގެ ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އަންގާފަ
އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ގޭގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދާމީހުން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް ބުނެފަ
އެޗްޕީއޭ އާއި އިކޮނޮމިކް މިނިސްޓްރީ އިން ދަނީ ގޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ގައިޑްލައިނެއް ހެދުމުގެ މަސައްކަތް ކުރަމުން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގަވައިދުގައި ގޭގައި ތިބެގެން އާމްދަނީ ހޯދުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ކުދި އަދި މެދު ފަންތީގެ މީހުން އެޗްޕީއޭގެ ޕޯޓަލްގައި ރަޖިސްޓަރ ވާން ޖެހުނު ނަމަވެސް ގޭގައި ތިބެގެން ކާބޯތަކެތި ހަދައިގެން ވިއްކާ މީހުން އެޗްޕީއޭގެ ޕޯޓަލްގައި ރަޖިސްޓްރީ ވާކަަށް ނުޖެހެއެވެ.

މީގެ އިތުރުން، އިކޮނޮމިކް މިނިސްޓްރީ އިން ވެސް ވަނީ އާމްދަނީ ހޯދުމަށް ގޭގައި ކުރާ މަސައްކަތް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ބުނެފައެވެ. އަދި މި ދަނޑިވަޅުގައި އާމްދަނީ ހޯދުމަށް ގޭގައި ތިބެގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މިނިސްޓްރީ އިން މަރުހަބާ ކިޔާފައިވާއިރު، އެ މަސައްކަ ތްކުރާ ފަރާތްތަކުން ވެސް ކާބޯތަކެތީގެ ވިޔަފާރި ކުރާނަމަ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލު ކުރުމަކީ މުހިއްމު ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭ އިން ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް ކާބޯތަކެތި ވިއްކާ ފަރާތްތަކުން އެ އިދާރާގެ ޕޯޓަލްގައި ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް ނިންމި ނަމަވެސް ކަމާބެހޭ އިދާރާތަކާއި ގުޅިގެން މިގޮތަށް ކާބޯތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އަމަލު ކުރަންޖެހޭ މިންގަނޑުތަކެއް އެކުލަވާލުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ ކުރަމުންނެވެ. އިކޮނޮމިކް މިނިސްޓަރު ވެސް ވަނީ މިފަދަ މަޝްވަރާތަކެއް އެޗްޕީއޭ އާއި ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް