Advertisement
ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 14:30
ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް
ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް
މުހައްމަދު ޝަރުހާން
ވިސާމުގެ މައްސަލަ
ވިސާމުގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު އަދި ގޮތެއް ނުނިންމަން: ޕީޖީ
ވީޑިއޯ ފޫޓޭޖްގެ ސައްޚަކަމެއް ކަށަވަރެއް ނުކުރެވޭ
ދިފާއީ ހެކިންގެ ބަހުން ދައުލަތުގެ ހެކިންގެ ހެކި ބަސް ނަފީކުރޭ
ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އަދި ނުލިބޭ

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމުގެ މައްޗަށް ދައުލަތުން އުފުލި ފުލުހުންގެ ދައުރަށް ދަތިކުރުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިސާމުގެ މައްޗަށް ހުކުމުގެ ރިޕޯޓް އަދި ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ވިސާމުގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް އިސްތިއުނާފްކުރުމާ މެދު ގޮތެއް ނިންމާނީ ރިޕޯޓް ލިބުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

ވިސާމުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުންދަނިކޮށް، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށް ބުނެ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހު އުފުލި ދައުވާގެ ހުކުމް އިއްވާފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ.

 

ދައުވާ އަށް އިންކާރުކޮށް، ދިފާއީ ހެކީންގެ ގޮތުގައި ހަތަރު ހެއްކަކު ވިސާމް އެވެ. ވިސާމުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅީ ދެ ފުލުހުންނާއި ވީޑިއޯ ފޫޓޭޖެކެވެ.

 

އެ މައްސަލައިގައި ހުކުމް އިއްވަމުން ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ވިސާމުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ވީޑިއޯ ފޫޓޭޖްގެ ޗެއިން އޮފް ކަސްޓޮޑީ ރިޕޯޓް ހުށަހަޅާފައިނުވާތީ ވީޑިއޯގެ ސައްޚަ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

 

އަދި އެ ވީޑިއޯ އިން ވިސާމް ހައްޔަރުކުރާ މަންޒަރު ނުފެންނަ ކަމަށާއި، ވީޑިއޯ އިން ފެންނަނީ ވިސާމު ހައްޔަރުކުރި ފަހުން ނަގާފައިވާ މަންޒަރުތަކެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

 

ގާޒީ ވިދާޅުވީ ވިސާމް ހައްޔަރުކުރި ސަރަހައްދުގައި ނޫސްވެރިންގެ ފާސް އަޅައިގެން ތިބި އެހެން ބަޔަކު ވެސް ތިބި މަންޒަރު ވީޑިއޯއިން ފެންނަ ކަމަށާއި، އެހެންކަމުން އެ ސަރަހައްދުގައި ނޫސްވެރިން ތިބުމަކީ ގާނޫނީ ގޮތުން ބަލާއިރު ފުލުހުންގެ ދައުރަށް ދަތިކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ.

 

ގާޒީ ޝަކީލު ވިދާޅުވީ ވިސާމުގެ ދިފާއީ ހެކީންގެ ހެކި ބަހުން، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނަފީ ކުރެވޭ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ދައުރަށް ދަތިކުރި ކަމަށް ބުނެ ވިސާމުގެ މައްޗަށް އުފުލި ދައުވާ އަކީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ 'އ' ގައި ބަޔާންކޮށްފައިވާ ފަދައިން، އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ދައުވާއެއް ނޫން ކަމަށް ގާޒީ ޝަކީލު ވިދާޅުވި އެވެ.

 

އެ މުޒާހަރާ ކަވަރުކުރަމުން ދަނިކޮށް ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރު ވެސް ހައްޔަރުކުރި އެވެ. ޒަރީރުގެ މައްޗަށް ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ އުފުލިއިރު، ފެބްރުއަރީ 27 ވަނަ ދުވަހު 3،000 ރުފިޔާ އިން އޭނާ ޖޫރިމަނާކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

 

ޒަރީރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރި ހުކުމުގެ އަސާސް ބިނާވެގެން ވަނީ ދައުލަތުން ހުށަހެޅި ވީޑިއޯގެ މައްޗަށެވެ. ވިސާމުގެ މައްޗަށް ހިންގި ޝަރީއަތަށް ވެސް ދައުލަތުން ހުށަހެޅީ، ޒަރީރުއާ ދެކޮޅަށް ހުށަހެޅި ވީޑިއޯ އެވެ. ޒަރީރުގެ ޝަރީއަތުގައި ވެސް ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވަނީ ވީޑިއޯގެ ޗެއިން އޮފް ކަސްޓޮޑީއާ މެދު ސުވާލު އުފައްދަވާފަ އެވެ.

 

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާގައި ވިސާމުގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމް އިއްވިއިރު، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާގައި 28،800 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރުމަށް ޖެނުއަރީ 24 ވަނަ ދުވަހު ހުކުމް ކޮށްފައިވެ އެވެ. ވިސާމާއެކު ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ވެސް އެ ހުކުމް އިއްވާފައި ވެއެވެ.

 

ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާގެ މައްޗަށް އުފުލާފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ދެން އޮތީ ޚުލާސާ ބަޔާން ހުށަހެޅުމެވެ. ނަމަވެސް، އަދި އެ އަޑުއެހުން ތާވަލުކޮށްފައިނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް