ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 20:50
އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކުރި ކަމުގެ ލިޔުން ބައްސާމަށް އަރުވަނީ
އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކުރި ކަމުގެ ލިޔުން ބައްސާމަށް އަރުވަނީ
ޓްވިޓަރ
އެފްއޭއެމްގެ އިންތިޚާބު ބަލައިގަތުން
އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފި
އެފްއޭއެމްގެ އިންތިޚާބު ބޭއްވީ އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އެދެފައިވަނިކޮށް
ފީފާ އާއި އޭއެފްސީންވެސް ވަނީ އެފްއޭއެމްގެ އިންތިޚާބު ބަލައިގަނެފައި

ޖުލައި މަހުގެ ދެވަނަ ދުވަހު ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުން ބަލައިގަނެފިއެވެ.

ޖުލައި މަހު އެފްއޭއެމްގެ އިންތިޚާބު ބޭއްވީ އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އެދެފައިވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އެގޮތަށް އެދުނީ ކުޅިވަރާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް އެފްއޭއެމާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމްއާ ދޭތެރޭގައި ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރަމުން އަންނާތީއެވެ. އެކަމަކު އެފްއޭއެމުން އިންތިޚާބު ބޭއްވީ ފީފާގެ ރުހުން ލިބިގެންނެވެ. އަދި މިހާރު ފީފާ އާއި އޭއެފްސީންވެސް ވަނީ އެފްއޭއެމްގެ އިންތިޚާބު ބަލައިގަނެފައެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވި ބައްސާމް އަދީލް ޖަލީލްގެ އައު ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަނަރު ބުރާސްފަތި ދުވަހު ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ. އެކަން ފާހަގަކުރައްވައި ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތިންވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއެމަށް ވަނަނުދީ އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންތައްތައް ގެންދިއުމަށް މަގުފަހިކޮށްދިނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި ސްޕޯޓްސް ކޮމިޝަނަރު ހީނާ އަޙްމަދު ސަލީމްގެ މަސައްކަތުން ކަމަށެވެ. އެހެންކަމުން އެ ދެ ފަރާތުގެ ލީޑަޝިޕަށް ޝުކުރުއަދާކުރރައްވާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު އެފްއޭއެމްގެ އައު ހިންގާ ކޮމިޓީ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރިއިރު، މީގެ ކުރިން މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު ވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިޚާބު ހުއްޓުވުމުގެ ބާރެއް ކުޅިވަރާ ބެހޭ ވުޒާރާއަށް ނެތް ކަމަށާއި، އެފްއޭއެމްގެ އިންތިޚާބު ބަލައިގަތުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ދުވަހު އެފްއޭއެމްއާ ގުޅޭގޮތުން ތަކުރާރުކޮށް ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެފްއޭއެމްގެ އިންތިޚާބު ބޭއްވިއިރު، އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ކުޅިވަރާ ބެހޭ ވުޒާރާގައި އެދުމުން އިންތިޚާބު ފަސްކުރުމަށް އެދި އެފްއޭއެމަށް ސިޓީއެއް ފޮނުވި ކަމަށާއި، އެ އިންތިޚާބު ފަސްކުރުމާއި ނުކުރުން އެއީ އެފްއޭއެމްގެ އިޚުތިޔާރުގައިވާ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެފްއޭއެމްގެ މައްސަލަ ބަލަމުން ދަނިކޮށް ޖުލައި މަހުގެ ދެވަނަ ދުވަހު އެފްއޭއެމްގެ އިންތިޚާބު ބޭއްވިއިރު، އެފްއޭއެމްގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ބައްސާމް އަދީލް ޖަލީލް އެކަންޏެވެ. ބައްސާމާއި އޭނާ ހުށަހެޅުއްވި ހިންގާ ކޮމިޓީއަށް އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން، ބައްސާމުގެ ޓީމުގެ އިންތިޚާބުކޮށްފައިވަނީ ވޯޓަކާނުލައެވެ. އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނެތިއްޖެނަމަ، ވޯޓަކާ ނުލާ އިންތިޚާބު ކުރާ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެނައީ ބުރާސްފަތި ދުވަހުގެ ކޮންގްރެސްގައި، ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް