ކ. މާލެ
|
3 ސެޕްޓެންބަރ 2020 | ބުރާސްފަތި 13:48
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް
ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް
ގެޓީ އިމޭޖަސް
މެސީ ބާސާ ދޫކޮށްލުން
މެސީ ބާސާ ދޫކޮށްލަން ރާމޯސް އާއި މޮޑްރިޗް ބޭނުމެއް ނުވޭ
މެސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލަން ބޭނުންވާކަން މެނޭޖުމަންޓަށް އަންގާފައި
މެސީ ބާސާ ދޫކޮށްލުން ވެގެންދާނީ ސްޕެނިޝް ލީގުގެ ހައިބަތަށް ކުރާނެ އަސަރަކަށް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ އެ ކުލަބު ދޫކޮށްލަން ބޭނުންނުވާ ކަމަށް ވާދަވެރި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބުނެފިއެވެ.

ދާދި ފަހުން މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

އެކަމާ ގުޅިގެން ބުދަ ދުވަހު ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވަނީ މެސީގެ ބައްޕަ ޖޯޖް މެސީ އާއި މެސީގެ އޭޖެންޓާ ބައްދަލުކޮށްފައެވެ. އަދި މި ބައްދަލުވުމުގައި މެސީ ދޫކޮށްލަން ބާސާއިން ބޭނުންނުވާ ކަމަށާއި، އޭގެ ބަދަލުގައި މެސީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރުމަށް ބާޓޮމެއޫ ހުށަހެޅި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު މި ބައްދަލުވުމަށްފަހު މެސީގެ ބައްޕަ ޖޯޖް މެސީ ބުނީ މިހާރު އޮތް ހާލަތުން މެސީ ބާސާގައި މަޑުކުރުން ވެގެންދާނީ އުނދަގޫ ކަމެއް ކަމަށެވެ.

މެސީ ބާސާ ދޫކޮށްލުމާ ދެކޮޅަށް އެ ކުލަބުގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން އަންނައިރު، ދާދި ފަހުން ރެއާލްގެ ތަޖުރިބާކާރު ޑިފެންޑަރު ރާމޯސް ބުނީ ބާސާ ދޫކޮށް މެސީ ދިއުމަށް އޭނާ ނޭދޭ ކަމަށާއި، ބޭނުންވަނީ ބާސާ ވާދަވެރި ޓީމެއްގެ ގޮތުގައި އޮތުމަށް ކަމަށެވެ. އަދި މީގެ ކުރިން ބަލޮންޑޯ ހޯދާފައިވާ މޮޑްރިޗް ބުނީ މެސީ ބާސާ ދޫކޮށްލައިފިނަމަ، އެކަން ވެގެންދާނީ ސްޕެނިޝް ލީގުގެ ހައިބަތަށް ކުރާނެ އަސަރެއް ކަމަށެވެ. އެގޮތުން ސްޕެނިޝް ލީގުގައި މެސީއާއެކު ދެން ވިދާލި ކްރިސްޓިއާނޯ ރޮނާލްޑޯވެސް އެ ލީގު ދޫކޮށްލާފައިވަނިކޮށް މެސީ ދިއުން ވެގެންދާނީ ލީގުގެ މަގުބޫލުކަން ކުޑަވާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

އުމުރުން މިހާރު 33 އަހަރުގެ މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ޔޫރަޕްގެ ގިނަ ކުލަބުތަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި، ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާންވެސް ހިމެނެއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން މެސީ ބަދަލުވުން އެންމެ ގާތީ ޕެޕް ގާޑިއޯލާ އިރުޝާދު ދެމުން އަންނަ ސިޓީއަށެވެ.

ބާސާ ދޫކޮށްލަން މެސީ ބޭނުންވާއިރު، އައު ސީޒަނަށް ޕްރީ-ސީޒަން ފެށުމުގެ ގޮތުން ބާސާގެ ކުޅުންތެރިން ކޮވިޑް-19 އަށް އާދީއްތަ ދުވަހު ޓެސްޓު ކުރިއިރު، ކޮވިޑް-19 ޓެސްޓު ހެދުމަށް މެސީ ހާޒިރެއް ނުވެއެވެ. އަދި ހޯމަ ދުވަހު އޮތް ފަރިތަކުރުންތަކުގައިވެސް މެސީ ބައިވެރިވެފައެއް ނުވެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް