ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 22:31
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އާއި އާޖެންޓީނާގެ ފޯވާޑް އެންހެލް ޑި މަރިއާ
ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ އާއި އާޖެންޓީނާގެ ފޯވާޑް އެންހެލް ޑި މަރިއާ
ގެޓީ އިމޭޖަސް
ޕީއެސްޖީގެ ކުޅުންތެރިން ޕޮޒިޓިވްވުން
ޕީއެސްޖީގެ ތިން ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
ޕީއެސްޖީން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ނޭމާ އާއި، އެންހެލް ޑި މަރިއާގެ އިތުރުން ލެއަންޑްރޯ ޕަރެޑެސް
ތިން ކުޅުންތެރިންވެސް ޕޮޒިޓިވް ވެފައިވަނީ އިބްޒާއަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް

ޕީއެސްޖީގެ ތިން ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފްރެންޗް ލީގުން ބުދަ ދުވަހު ވަނީ ޕީއެސްޖީގެ ތިން ކުޅުންތެރިން ވައިރަހަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ. އެކަމަކު އެ ކުޅުންތެރިންގެ މައުލޫމާތު ފްރެންޗް ލީގުން ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ބްރެޒިލްގެ ތަރި ނޭމާ އާއި، އާޖެންޓީނާގެ ފޯވާޑް އެންހެލް ޑި މަރިއާގެ އިތުރުން އާޖެންޓީނާގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑެސްއެވެ. އަދި މި ތިން ކުޅުންތެރިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ސްޕެއިންގެ ރަށެއް ކަމުގައިވާ އިބްޒާއަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް އާއި، މައުރޯ އިކާޑީީގެ އިތުރުން އެންޑަ ހެރޭރާ، މި ތިން ކުޅުންތެރިންނާއެކު ޗުއްޓީއަށް ދިޔަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީން ބުދަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ޓީމުގެ ތިން ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފްރެންޗް ލީގުގެ ކުޅުން ފަށާފައިވީ ނަމަވެސް، އަދި މިހާތަނަށް ޕީއެސްޖީން ލީގުގައި މެޗެއް ކުޅެފައެއް ނުވެއެވެ. ޕީއެސްޖީން ލީގުގެ ފުރަތަމަ މެޗުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ލެންސްއާ ދެކޮޅަށް ނުކުންނަން އޮތް ނަމަވެސް، އެ މެޗު ވަނީ މި މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފައެވެ. އެ މެޗު ފަސްކުރަން ފްރެންޗް ލީގުން ނިންމީ މިދިޔަ މަހުގެ ފަހުކޮޅު އޮތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީ ވާދަކުރުމުންނެވެ.

ފްރެންޗް ލީގުން މީގެ ކުރިން ވަނީ ކޮވިޑް-19 ގެ ކޮމިޓީއެއް އުފައްދާ، ލީގު ތާވަލަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އެހެންކަމުން ޕީއެސްޖީގެ ތިން ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، ލީގުގައި ޕީއެސްޖީ ކުޅެން އޮތް ފުރަތަމަ މެޗު ފަސްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް