Advertisement
ކ. މާލެ
|
16 އޭޕްރިލް 2017 | އާދީއްތަ 04:28
ޑރ ޑީޑީ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ޑރ ޑީޑީ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
މުހައްމަދު ޝަރުހާން
ކުނޫޒް ޖަލްސާ
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
ރިޔާސީ އިންތިހާބެއް ބާއްވައިފި ނަމަ ރައީސް ޔާމީނަށް އެއް ޕަސެންޓްވެސް ނުލިބޭނެ
މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުމަށްވެސް މަސައްކަތް ނުކުރެވޭ
ރައީސް ޔާމީނަށް ކޮރަޕްޝަނަކީ ކޮބައިކަންވެސް އެގިނުލައްވާ

ރައީސް އަބްދުﷲ ޔާމީނަށް ކެރިވަޑާއިގަންނަވާ ނަމަ، އެމަނިކުފާނު އިސްތިއުފާ ދެއްވާފައި ކުރިމަތިލައްވާނެ ކަމަށާއި ކުރިމަތިލައްވައިފި ނަމަ އެއް ޕަސެންޓްވެސް އެމަނިކުފާނަށް ނުލިބޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، ޑރ އިބްރާހިމް ދީދީ ވަނީ ރައީސް ޔާމީން ފެކްޝަނުގެ މެންބަރުން އެޕާޓީން ބަދަލު ވުމާ ގުޅިގެން، މެންބަރުންނަށް ނިސްބަތްކޮށް ވިދާޅުވި ވާހަކަތަކަށް ރައްދުދެއްވާފަ އެވެ.

 އެ މެންބަރުންގެ މޯރަލް އޮތޯރިޓީ ގެއްލިފައިވާ ކަމަށް ބުނެ، ކެރިވަޑައިގަންނަވާނަަމަ އިސްތިއުފައިދެއްވުމަށްފަހު އަލުން ގޮނޑިއަށް ކުރިމަތިލުމަށް ރައީސް ޔާމީން ގޮވާލި ގޮވާލުމަކީ ތާކުން ތާކުން ނުޖެހޭ ވާހަކައެއް ކަމަށް އިބްރާހިމް ދީދީ ވިދާޅުވި އެވެ.

އިބްރާހިމް ދީދީ ވިދާޅުވީ، ރައީސް ޔާމީން ފެކްޝަނުގައި މިއަދު ތިބި ގިނަ މެންބަރުންނަކީ މަޖުބޫރީ ހާލަތުގައި ތިބި މެންބަރުން ކަމަށެވެ. އެ މެންބަރުން މިނިވަން ކޮށްފި ނަމަ، މިހާރު ތިބި އަދަދަށްވެސް މެންބަރުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ދީދީ ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުން މަޖިލީސް މެންބަރުންނަށް އިސްތިއުފާ ދެއްވުމަށް ގޮވާ ނުލައްވާނެ ކަމަށާއި އެހެން ނަަމަވެސް އިދިކޮޅު ފަރާތްތަކާއި ގުޅުމަށް ގޮވާލައްވަމުން ގެންދަވާނެ ކަމަށެވެ. އަދި ގުޅޭ މެންބަރުނަށް 2019 ވަނަ އަހަރުގެ އިންތިހާބުވެސް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ ޑީޑީ ވިދާޅުވީ، ރައީސް ޔާމީން އެންމެ ފުރަތަމަ ޑީއާރުޕީގައި ހުރުމަށްފަހު، ޕީއޭ އުފައްދެވި ކަމަށާއި ވެރިކަމަށް ވަޑާއިގަތީވެސް އިދިކޮޅު ގިނަ ބައެއްގެ ތާއީދާ އެކު ކަމަށެވެ. އެހެންނަމަވެސް މިއަދު އެމަނިކުފާނު ވެރިކަަމަށް ގެނައުމަށް މަސައްކަތް ކުރި ގިނަ ފަރާތްތަކަށް އެމަނިކުފާނު އަރިހުގައި ނެތް ކަން ޑީޑީ ފާހަގަކުރެއްވި އެވެ. މި މޭރުމުން ވާހަކަދައްކަވާ ޑީޑީ ވަނީ ރައީސް ޔާމީނުވެސް އިސްތިއުފާދެއްވުމަށް ފަހު އަނެއްކާ އިންތިހާބަކަށް ދިނުމަށް ގޮވާލައްވާފަ އެވެ.

"މަނިކުފާނަށް ކެރިވަޑާއިގަންނަވާނަމަ އަމިއްލައަށް އިސްތިއުފާދެއްވާފަ ކުރިމަތިލައްވާ. އެއް ޕަސެންޓްވެސް ނުލިބޭނެ. އެމަނިކުފާނަކީ ފެއްސާ ރަތާ ހުދުގެ މާނަވެސް އެނގިވަޑައިނުގަންނަވާ. އަމަލުތައް ބަހައްޓަވަނީވެސް ފެއްސާ ރަތާ ހުދުގެ އުސޫލުން ބޭރުން" ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕޯޑިއަމް އެއްގައި ދެއްކި ވާހަކައަކަށް ބިނާކޮށް ރިޝްވަތުގެ ދައުވާ ކުރެއްވީ ރައީސް ޔާމީނަށް ރިޝްވަތަކީ ކޮބައިކަން އޮޅިވަޑާއިގެންފައިވާތީ ކަމަށެވެ.

ޑީޑީ ވިދާޅުވީ ސަރުކާރުން ކުރާ ވައްކަމާ ފަސާދައާއި ސިޔާސީ ލީޑަރުންނަށް ނުހައްގުން އަދަބު ދިނުމުގެ އިތުރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް ހަރާންކޯރު ވެފައިވާއިރު މަޖިލީހުގެ ތެރެއިން އެކަންކަން ރަގަޅު ކުރުމަށްވެސް ފުރުސަތު ދީފަ ނުވާކަމަށެވެ.

މިކަމުގެ ސަބަބުން ސަރުކާރު ޒިންމާދާރު ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ނުކުރެއްވޭ ކަަމަށް އޭނާ ވިދާޅުވި އެވެ.

ޑރ ޑީޑީ ވިދާޅުވީ، ތިން އަަހަރާއި ބައި ވެގެންދިޔައިރު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާފަނުވާ ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ކުރައްވަމުންް ގެންދަވާ އިސްލާހީ މަސައްކަތްތައް ކާބިޔާބު ކުރައްވާނެ ކަމަށެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 އޭޕްރިލް 2017 | ހޯމަ 13:09
ކަނބުލޮ
މިއީކީ އަންނިއެއް ނޫނޭ