ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 13:35
ޤާނޫނީ ވަކީލު ހަސަން ލަތީފް އާއި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)
ޤާނޫނީ ވަކީލު ހަސަން ލަތީފް އާއި މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ)
ފޭސްބުކް
ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބު
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ ކޯޓަށް
އަލިބެގެ ވަކީލަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ހަސަން ލަތީފް
މިއީ ޓީޓީގެ އިންތިޚާބާ ގުޅޭގޮތުން ކޯޓުގައި ކުރިއަށްގެންދާ ފުރަތަމަ މައްސަލަ
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުން ތާވަލުކޮށްފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ސްޕޯޓްސް ކޮމިޝަން މެދުވެރިކޮށްވެސް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެ، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް ޓީޓީގެ އިންތިޚާބީ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މިހާރު ކޯޓުން ބަލައިގަނެފައިވާއިރު، މިއީ ޓީޓީގެ އިންތިޚާބާ ގުޅޭގޮތުން ކޯޓުގައި ކުރިއަށްގެންދާ ފުރަތަމަ މައްސަލައެވެ. ޓީޓީގެ މައްސަލަ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) ހުށަހަޅާފައިވާއިރު، މައްސަލައިގައި އަލިބެގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ހަސަން ލަތީފެވެ.

ވެރިކަންކުރާ ޕާޓީ ކަމަށްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ހަސަން ލަތީފް ވިދާޅުވީ މިމައްސަލައިގައި އަލިބެގެ ވަކީލުގެ ގޮތުގައި އަލިބެ ތަމްސީލުކުރުމަށް ނިންމީ، އަލިބެ އެ ކުރައްވާ މަސައްކަތަކީ، އެސޯސިއޭޝަނުން ވަރަށް ގިނަ ނުރަނގަޅު ކަންކަން، ކަނޑައެޅިގެން ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގައިގެން އިންތިޚާބު ބާއްވަން މަސައްކަތް ކުރާތީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ކުރާ މަސައްކަތަކަށްވުމާއެކު، އެކަމުގައި ރާއްޖޭގެ ޓީޓީއަށް ކޮށްދޭ ކަމެއްގެ ގޮތުގައި އެ މަސައްކަތް ކޮށްދިނުމަށް ކަމަށެވެ.

އެސޯސިއޭޝަނުގެ އިންތިޚާބަކީވެސް އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް މިނިވަން، ދެފުށް ފެންނަ، އިންސާފުވެރި އިންތިޚާބަކަށް ވާން ޖެހޭނެ. އެހެން ނަމަވެސް، އެ އިންތިޚާބުގެ ކަންކަން ހިނގަނީ އެގޮތަކަށް ނޫން. އެސޯސިއޭޝަނުން އިންތިޚާބާ ބެހޭ ނިންމުންތައް ނިންމަމުން ގެންދަނީ ހިންގާ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް. އިންތިޚާބު އިންތިޒާމުތައް ހިންގާ ގޮތް ނިންމަން ތިއްބެވީ ވާދަކުރައްވާ ކެންޑިޑޭޓުން. ވޯޓަރުންގެ ލިސްޓަކީ ހިންގާ ކޮމިޓީން ފާސްކޮށްފައިވާ ލިސްޓެއް ނޫން. ހިންގާ ގަވާއިދުގައި ކަނޑައަޅާފައިނުވާ މަގާމުތަކަށް މީހުން ހޮވުމަށް އެވަނީ އިއުލާން ކޮށްފައި. އެސޯސިއޭޝަނުގެ މެމްބަޝިޕް ދީފައި އެވަނީ ހިންގާ ގަވާއިދާ ޚިލާފަށް.
ޤާނޫނީ ވަކީލު ހަސަން ލަތީފް

ޓީޓީގެ އިންތިޚާބާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެ މައްސަލަތަކުގެ ޝަކުވާ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލަށްވެސް ހުށަހެޅި ކަމަށާއި، އެތަންތަނުން ދީފައިހުރީ ވަރަށް ދެކޮޅު ނުޖެހޭ، އަދި މަސްއޫލިއްޔަތުން ރެކިވަޑައިގެން ތިއްބަވައިގެން ދެއްވާފައިވާ ޖަވާބުތަކެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އާންމުކޮށް މައްސަލަތަކުގައި ކޯޓަށް ދާ ވަކީލެއް ނޫން ނަމަވެސް، މީގެކުރިން ހަސަން ލަތީފް ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ މައްސަލައިގައި ސުޕްރީމް ކޯޓަށް އަދި އެއަށްފަހު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ މައްސަލައިގައިވެސް ސުޕްރީމް ކޯޓަށް ވަޑައިގެންފައެވެ.

މިވަރުގެ ބޮޑެތި ގޯސްތަކެއް އިންތިޚާބަކާ ގުޅޭގޮތުން ހަދަމުންދާތީ، އަދި ވަކިން ހާއްސަކޮށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އެކަން ކުރަމުންދާތީ، އެއީ އަޅުގަނޑުވެސް ވަރަށް ކަންބޮޑުވާ ކަމަކަށްވީ. ޓީޓީ އަކީ އަޅުގަނޑާވެސް ގާތް ކުޅިވަރެއް. އެކުޅިވަރު ދެކެ ވަރަށް ލޯބިވާ މީހެއް އަޅުގަނޑަކީވެސް. އެ ކުޅިވަރުގެ ކަންކަމާ އަބަދުވެސް އެކި ގޮތްގޮތުން އެކި މިންވަރަށް އުޅޭ މީހެއް އަޅުގަނޑަކީ. ދެން މިސަރުކާރު ހަމަގައިމުވެސް އެދޭނޭ ކަމެއް ނޫން އެއީ މިހާ ނުރަނގަޅުކޮށް އެސޯސިއޭޝަނެއްގެވެސް އިންތިޚާބު ކުރިއަށް ގެންދިޔުމަކީ. ސަރުކާރުގެ ވިސްނުމަކަށްވެސް ނުވާނެ ކޮންމެހެން އަވަސް އަރުވާލައިގެން، ގަވާއިދުތަކާ ޚިލާފަށް، އުސޫލުތަކުގެ ބޭރުން އަންޑިމޮކްރެޓިކް ހަމަތަކުން މި އިންތިޚާބުވެސް ގެންގޮސް ނިންމާލާކަށް. ނުރަނގަޅެއް ހުރިއްޔާ އެކަމެއް ރަނގަޅު ކޮށްގެން އިންތިޚާބު ބޭއްވުން ވިސްނުމަކަށް ވާނީ.
ޤާނޫނީ ވަކީލު ހަސަން ލަތީފް

ޓީޓީ އެސޯސިއޭޝަންގެ އިންތިޚާބީ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހުށަހެޅުނު މައްސަލައިގައި އެ މަޖިލީހުން ނިންމާފައިވަނީ، ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބީ މައްސަލަތައް ހުށައެޅި ހިންގާ ކޮމިޓީގެ ތިން މެމްބަރުން ކަމަށްވާ އަލިބެ އާއި އާއިޝަތު ނިޝާ އަދި އިބްރާހީމް ލަތީފް ހިމެނޭ ހިންގާ ކޮމިޓީން ފާސްކޮށް އިއުލާން ކޮށްފައިވާ ވަގުތެއްގައި، ޖަމުޢިއްޔާގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށް ފިޔަވަޅު އެޅުމާއި، އަދި މިހާރު އޮތް ހިންގާ ގަވާއިދުގެ ދަށުން ކުރިއަށް ގެންދާ އިންތިޚާބެއް ހުއްޓުވުމަކީ، ޓީޓީ އެސޯސިއޭޝަނާއި ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރެވި އަދި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އަދި ޓީޓީ އެސޯސިއޭޝަނަކީ ގައުމީ ހައިސިއްޔަތު ދެވިފައިވާ ޖަމުޢިއްޔާއެއް ކަމަށްވުމާއި، އެ ޖަމުޢިއްޔާއަކީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނާއި، އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން އަދި ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑަރޭޝަނުގެ މެންބަރެއް ކަމަށްވެފައި، އެއީ ޓީޓީ އެސޯސިއޭޝަނުގެ އެތެރޭގެ މައްސަލަތަކެއް ކަމަށްވުމާއެކު، ހިންގާ ކޮމިޓީން އެ މައްސަލަތައް ހައްލުކުރުމަށް ހިންގާ ގަވާއިދާއި އަދި ޖަމުޢިއްޔާއިން އެފްލިއޭޓް ވެފައިވާ ބައިނަލްއަގުވާމީ އިދާރާތަކުން މިފަދަ ކަންކަމުގައި ތަބާވުމަށް އަންގަވާފައިވާ ގޮތުގެ މަތިން އަދި މުސްތަގިއްލުކޮށް ޖަމުޢިއްޔާގެ ކަންކަން ކުރިއަށް ގެންދިއުމަށް ބާރުއަޅައި އެއްބާރުލުން ދިނުމަށް ވަނީ ދަންނަވާފައެވެ. އަދި ހިންގާ ކޮމިޓީގެ ތިން މެންބަރުން ފޮނުއްވި ސިޓީން އެދިވަޑައިގެންފައިވާ ފިޔަވަޅުތައް އަޅައިދެވެން ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ނިންމުން މިގޮތަށް އައިސްފައިވާއިރު، އަންނަ ހަފުތާގެ އަންގާރަ ދުވަހު އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި މިހާރުގެ ރައީސް އަލީ ރަޝީދު އާއި ތޯހާ ސަލީމް އަދި މުހައްމަދު ޖަލާލް ވާދަކުރައްވާއިރު، ޖަލާލުގެ ނަން އަނބުރާ ނެގުމަށް އޭނާ ނިންމާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަޒާންދާރުގެ މަގާމާއި، ފިރިހެން އަދި އަންހެން މެންބަރުން ތަމްސީލްކުރާ ގޮނޑި އާއި، ކުލަބުތަކާއި ބެލެނިވެރިން ތަމްސީލުކުރާ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 15 ކުލަބަކާއި، 270 މެންބަރުން ވޯޓުލާނެ ކަމަށާއި، މިހާރުގެ ހާލަތާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް