ކ. މާލެ
|
2 ސެޕްޓެންބަރ 2020 | ބުދަ 12:41
ޕެނަރޯލަށް އިރުޝާދުދިން ކުރީގެ މަޝްހޫރު ފޯވާޑް ޑިއޭގޯ ފޯލާން
ޕެނަރޯލަށް އިރުޝާދުދިން ކުރީގެ މަޝްހޫރު ފޯވާޑް ޑިއޭގޯ ފޯލާން
ގެޓީ އިމޭޖަސް
ޕެނަރޯލްއިން ފޯލާން ވަކިކުރުން
އެންމެ 11 މެޗަށްފަހު ޕެނަރޯލްގެ ކޯޗުގެ މަގާމުން ފޯލާން ވަކިކޮށްފި
ޕެނަރޯލްގެ ކޯޗުގެ މަގާމާ ފޯލާން ހަވާލުވީ މިދިޔަ އަހަރު ޑިސެމްބަރު މަހު
ފޯލާންގެ ކޯޗުކަމުގައި ޕެނަރޯލް ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުން

އެންމެ 11 މެޗަށްފަހު އުރުގުއޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބު ޕެނަރޯލްގެ ކޯޗުގެ މަގާމުން ކުރީގެ މަޝްހޫރު ފޯވާޑް ޑިއޭގޯ ފޯލާން ވަކިކޮށްފިއެވެ.

އުމުރުން މިހާރު 41 އަހަރުގެ ފޯލާން ޕެނަރޯލްގެ ކޯޗުގެ މަގާމާ ހަވާލުވީ މިދިޔަ އަހަރު ޑިސެމްބަރު މަހުގައެވެ. މިއީ ފޯލާން ކުލަބެއްގެ ކޯޗުގެ މަގާމާ ހަވާލުވި ފުރަތަމަ ފަހަރެވެ.

އެކަމަކު ފޯލާންގެ ކޯޗުކަމުގައި ޕެނަރޯލް ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ. އަދި ހަތަރު މެޗުން ބަލިވިއިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ލީގުގައި މިދިޔަ ހޯމަ ދުވަހު ވެންޑަރާސް އަތުން 2-0 އިން ޕެނަރޯލް ބަލިވިއިރު، އެ މެޗަށްފަހު ފޯލާން މަގާމުން ވަކިކުރަން އެ ކުލަބުގެ މެނޭޖުމަންޓުން ވަނީ ނިންމާފައެވެ. މީގެ ކުރިން ފޯލާން ވަނީ 2015 ވަނަ އަހަރު ޕެނަރޯލަށް ކުޅެދީފައެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފޯލާން ފުޓްބޯޅަ ކުޅުން ހުއްޓާލީ 2018 ވަނަ އަހަރުއެވެ. އާޖެންޓީނާ ލީގުން ފުޓްބޯޅަ ކެރިއަރު ފެށި ފޯލާން ވަނީ މެންޗެސްޓާ ޔުނައިޓެޑް، ވިޔަރެއާލް، އެތުލެޓިކޯ މެޑްރިޑް އަދި އިންޓަ މިލާނަށްވެސް ކުޅެފައެވެ. އަދި އޭނާ ވަނީ އޭޝިއާގެ ބައެއް ކުލަބުތަކަށްވެސް ކުޅެފައެވެ. އޭގެ ތެރޭގައި އިންޑިއާގެ މުމްބާއި ސިޓީ އެފްސީވެސް ހިމެނެއެވެ.

ފޯލާން އެންމެ ފަހުން ކުޅުނީ ހޮންކޮންގް ޓީމެއް ކަމަށްވާ ކިޗީއަށެވެ. އޭނާ ވަނީ ކިޗީއާއެކު ހޮންކޮންގް ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ޔުނައިޓެޑާއެކު އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް އަދި ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައިވާ ފޯލާން ވަނީ އެތުލެޓިކޯއާއެކު ޔުއެފާ ޔޫރޮޕާ ލީގާއި ޔުއެފާ ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އުރުގުއޭ ގައުމީ ޓީމަށް ކުޅުނު 112 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައިވާ ފޯލާން ވަނީ 2011 ވަނަ އަހަރު އެޓީމާއެކު ކޮޕަ އެމެރިކާވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް