މިދިޔަ އަހަރުގެ ޖުލައިމަހަ އަޅާ ބަލާއިރު މި އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ 74 އިންސައްތަ ދަށްވެއްޖެއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތަށް ލިބިފައިވާ އެހީ ނުލާ 1.9 ބިލިއަން ރުފިޔާގެ އާމްދަނި އެއް ވަނީ ދަށްވެފައެވެ. މިއީ 2019 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާ އިރު މި އަހަރުގެ ޖުލައި މަހު ދަށްވެފައިވާ މިންވަރު އެވެ.
އެމްއެމްއޭއިން ބުނީ އާމްދަނީ ދަށްވެފައިވަނީ ޓެކްސްގެ ގޮތުގައާއި ޓެކްސް ނޫން ގޮތުގައި ލިބުނު އާމްދަނި ދަށްވުމުގެ ސަބަބުން ކަމަށެވެ. ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ އިން 1.6 ބިލިއަން ރުފިޔާ ވަނީ މަދުވެފައެވެ. އަދި ޓެކްސް ނޫން ގޮތުގައި ލިބެން ޖެހޭ އާމްދަނި އިން ވަނީ 326.5 މިލިއަން ރުފިޔާ ދަށްވެފައެވެ.
ޖުލައި މަހުގެ ހަރަދުތަކަށް ބަލާއިރު، ދައުލަތުން ދައްކަންޖެހޭ ދަރަނި ނުލާ 7 އިންސައްތައިގެ އިތުރުވުމެއް ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު އިތުރުވެފައިވާ މިންވަރެވެ. މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަރަދުވި އަދަދަކީ 158.2 މިލިއަން ރުފިޔާއެވެ.
ހަރަދުތައް ދަށްވެފައިވަނި ރިކަރަންޓް ހަރަދު ކުޑަވުމުގެ ސަބަބުން ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެމްއެމްއޭއިން ބުނެފައިވަނީ 519.1 މިލިއަން ރުފިޔާ ހަރަދުން ދަށްވެފައިވާ ކަމަށެވެ. އެހެންނަމަވެސް ކެޕިޓަލް ހަރަދު މި މުއްދަތުގެ ތެރޭގައި އިތުރުވެފައިވެއެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުލައި މަހު 360.8 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
ޖެނުއަރީ މަހުން ޖުލައި މަހާ ހަމައަށް ޖުމްލަ 47 އިންސައްތަ އާމްދަނީން ދަށްވެފައިވެއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަލާ ބަލާއިރު ދައުލަތުގެ ހަރަދުތައް ވަނީ ޖުމްލަ ގޮތެއްގައި ދަށްވެފައެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތުގެ ދަރަނިތައް، ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނިތައް ނުހިމަނައި 55.8 ބިލިއަނަށް އަރައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހުރި މިންވަރެވެ.