ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 22:03
ބާސެލޯނާއަށް ކުޅުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު އީވާން ރަކިޓިޗް
ބާސެލޯނާއަށް ކުޅުނު ކްރޮއޭޝިއާގެ މިޑްފީލްޑަރު އީވާން ރަކިޓިޗް
ގެޓީ އިމޭޖަސް
ރަކިޓިޗް ސެވިއްޔާއަށް ބަދަލުވުން
ބާސާ ދޫކޮށް ރަކިޓިޗް އޭނާގެ ކުރީގެ ކުލަބު ސެވިއްޔާއަށް
ރަކިޓިޗް ސެވިއްޔާއަށް ބަދަލުވީ 1.5 މިލޔަން ޔޫރޯގެ އަގަކަށް
ރަކިޓިޗް ވަނީ ސެވިއްޔާއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައި

ބާސެލޯނާ ދޫކޮށް ކްރޮއޭޝިއާގެ މިޑްފީލްޑަރު އީވާން ރަކިޓިޗް އަނބުރާ އޭނާގެ ކުރީގެ ކުލަބު ސެވިއްޔާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 32 އަހަރުގެ ރަކިޓިޗް އޭނާ ކުރީގެ ކުލަބަށް ބަދަލުވީ 1.5 މިލޔަން ޔޫރޯގެ އަގަކަށެވެ. އަދި ބޯނަހުގެ ގޮތުގައި ބާސާއިން އިތުރު ނުވަ މިލިޔަން ޔޫރޯ ސެވިއްޔާއަށް ދައްކަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރަކިޓިޗް ވަނީ ސެވިއްޔާއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

ބާސާގައި ހަ އަހަރު ހޭދަކުރުމަށްފަހު ރަކިޓިޗް އެ ކުލަބު ދޫކޮށްލިއިރު، މީގެ ކުރިންވެސް ރަކިޓިޗް ވަނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ބާސާއިން ޔަގީންކަމެއް ނުދޭތީ އެ ކުލަބުގެ މެނޭޖުމަންޓާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ދާދި ފަހުން ބާސާގެ ކޯޗުގެ މަގާމާ ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ހަވާލުވިއިރު، އޭނާގެ ޕްލޭނުގައި ރަކިޓިޗް ނުހިމެނޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ.

މިދިޔަ ސީޒަނުގައި ނެދަލެންޑްސްގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑިޔޮން ބާސާއާ ގުޅުނު ފަހުން ރަކިޓިޗަށް ބާސެލޯނާގެ ފުރަތަމަ އެގާރައިގައި މަދު ފުރުސަތެއް ލިބުނުއިރު، ބާސާއިން ވަނީ އަންނަ ސީޒަނަށް ޔުވެންޓަސްގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗްގެ ސޮއިވެސް ހޯދާފައެވެ.

މީގެ ކުރިން 2011-2014 ށް ސެވިއްޔާއަށް ރަކިޓިޗް ކުޅުނުއިރު، އޭނާ ވަނީ ސެވިއްޔާގެ ޖާޒީގައި 149 މެޗު ކުޅެދީ 34 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ސެވިއްޔާގެ ކެޕްޓަންގެ ދައުރުވެސް އަދާކުރި ރަކިޓިޗް ވަނީ ސެވިއްޔާއާއެކު ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން ބާސާއަށް ބަދަލުވެ އެ ޓީމަށް ރަކިޓިޗް 320 މެޗު ކުޅެދިންއިރު، އޭނާ ވަނީ 36 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ބާސާއާއެކު ސްޕެނިޝް ލީގު ހަތަރު ފަހަރު ކާމިޔާބުކުރުމުގެ އިތުރަށް، ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް