ސީޔާސީ ޕާޓީތަކުގެ ގާނޫނާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާއި ހިލާފަށް އެއްވުންތައް ނުބާއްވަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނަސޭހަތްތެރި ވެއްޖެއެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީޕީއެމްގެ ނައިބް ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އަށް ފޮނުވި ސިޓީއެއް އީސީން ވަނީ ގާނޫނާ ހިލާފު ކަންކަން ނުކުރަށް ނަސޭހަތްތެރިވެފައެވެ. އަދި އެފަދަ ކަމެއް ތަކުރާރުކުރާކަން ފާހަގަވެއްޖެނަމަ، ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
އީސީން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުންނަށް ނަސޭހަތް ދީފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންއާ ހިލާފުވެގެން އެ ދެ ޕާޓީ ވަނީ 150،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކާއި އިދިކޮޅުން ހިލާފުވެފައިވަނީ ހުކުރު ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ''ރާއްޖެ ވިއްކާލުމުގެ'' ނަމުގައި މާލޭގައި ބޭއްވި ސައިކަލް ބުރުގައެވެ.
ގިނަ އަދަދެެއްގެ ޒުވާނުން ބައިވެރިވި އެ ސައިކަލް ބުރުގައި ގައިދުރު ކަމެއް ނެތެވެ. މި މައްސަލަ ބަލަން ފަށައި ޕީޕީއެމް/ޕީއެންސީގެ ލީޑަަރޝިޕްގެ އިސް ބޭފުޅުން ފުލުހަށް ހާޒިރުކޮށް އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވެފައިވާތީ ޖޫރިމަނާކޮށްފައިެވެއެވެ. 1000 ރުފިޔާ އިން ޖޫރިމަނާ ކުރި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ޕީއެންސީގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ހިމެނިވަޑައިގަންނަވައެވެ.
ގައިޑްލައިންތަކާއި ހިލާފުވެގެން ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރު ޑރ. ވަހީދު ހަސަން މަނިކުވެސް ފުލުހަށް ހާޒިރުކުރިއެވެ. އިދިކޮޅުން ބުނަމުންދަނީ ފުލުހަށް ހާޒިރުކުރިޔަސް ފަހަތަށް ނުޖެހޭނެ ކަމަށާއި، ރައްޔިތުންގެ އަޑު އުފުލަމުންދާނެ ކަމަށެވެ.