ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 13:51
އޭސީ މިލާންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް
އޭސީ މިލާންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް
ގެޓީ އިމޭޖަސް
މިލާނުގެ އެއްބަސްވުން އިބްރަހިމޮވިޗް އާކުރުން
މިލާނުގެ އެއްބަސްވުން އިތުރު އެއް އަހަރަށް އިބްރަހިމޮވިޗް އާކޮށްފި
އިބްރަހިމޮވިޗް މިލާނަށް ބަދަލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު
އައު އެއްބަސްވުމުގެ ދަށުން އިބްރަހިމޮވިޗްއަށް މުސާރައިގެ ގޮތުގައި ހަތް މިލިޔަން ޔޫރޯ ލިބިގެންދާނެ

ސްވިޑެން ކުރީގެ ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފިއެވެ.

އުމުރުން 38 އަހަރުގެ ފޯވާޑް އަނބުރާ މިލާނާ ގުޅެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅެވެ. އެފަހަރު އިބްރަހިމޮވިޗް މިލާނުގެ އެއްބަސްވުން ހެދީ މިދިޔަ ސީޒަނުގެ ނިޔަލަށެވެ.

އެކަމަކު މިދިޔަ ސީޒަނުގައި އިބްރަހިމޮވިޗް މޮޅު ކުޅުމެއް ދެއްކިއިރު، މިލާނުގެ މެނޭޖުމަންޓުން ވަނީ ސީޒަން ނިމުމާއެކު އިބްރަހިމޮވިޗްގެ އެއްބަސްވުން އާކުރުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން މީގެ ކުރިން މިލާނުގެ ސްޕޯޓިންގ ޑިރެކްޓަރު ޕައޮލޯ މަލްޑިނީ ވަނީ އިބްރަހިމޮވިޗް މިލާނުގައި ބެހެއްޓުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް ބުނެފައެވެ.

އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައި އިބްރަހިމޮވިޗްގެ އެއްބަސްވުން އާކުރިކަން މިލާނުން ވަނީ ކަށަވަރުކޮށްދީފައެވެ. އަންނަ ސީޒަނުގެ ނިޔަލަށް މިލާނުގައި މަޑުކުރަން އިބްރަހިމޮވިޗް ނިންމިއިރު، އައު އެއްބަސްވުމުގެ ދަށުން އޭނާއަށް މުސާރައިގެ ގޮތުގައި ހަތް މިލިޔަން ޔޫރޯ ލިބިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި އިބްރަހިމޮވިޗް މޮޅު ކުޅުމެއް ދެއްކިއިރު، މިދިޔަ ސީޒަނުގައި އޭނާ ވަނީ އިޓާލިއަން ލީގުގެ އެއް ސީޒަނެއްގައި 10 ލަނޑު ހަމަކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރިކޯޑު މުގުރާލާފައެވެ. އެގޮތުން އިބްރަހިމޮވިޗް ވަނީ މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު 18 މެޗުން 10 ލަނޑު ހަމަކޮށްފައެވެ.

މީގެ ކުރިން 2010-2012 އަށް އިބްރަހިމޮވިޗް މިލާނަށް ކުޅެދިންއިރު، އެފަހަރު އޭނާ ވަނީ މިލާނަށް ކުޅެދިން 85 މެޗުގައި 56 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ މިލާނާއެކު އިޓާލިއަން ލީގާއި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް