ކ. މާލެ
|
1 ސެޕްޓެންބަރ 2020 | އަންގާރަ 12:48
ކުޅިވަރާ ބެހޭ ގައުމީ މަޖިލީގެ ރައީސް އިބްރާހީމް އިސްމާއިލް
ކުޅިވަރާ ބެހޭ ގައުމީ މަޖިލީގެ ރައީސް އިބްރާހީމް އިސްމާއިލް
މިހާރު
ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބު
ގިނަ މައްސަލަތަކެއް، އެކަމަކު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފިނި ޖަވާބެއް!
މުސްތަގިއްލުކޮށް ޖަމުޢިއްޔާގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައި
ސިޓީގައި އެދިވަޑައިގެންފައިވާ ފިޔަވަޅުތައް އަޅައިދެވެން ނެތް ކަމަށް މަޖިިލީހުން ވަނީ ނިންމާފައި
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުން ތާވަލުކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހަށް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅޭ ގޮތުން އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރުން ކަމަށްވާ އަލީ އާދަމް މަނިކާއި، އާއިޝަތު ނިޝާ އަދި އިބްރާހީމް ލަތީފް ހުށަހެޅުއްވި ކަންބޮޑުވުންތަކަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފިނި ޖަވާބެއް ދީފިއެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސް އިބްރާހީމް އިސްމާއިލް ސޮއިކޮށް ހިންގާ ކޮމިޓީގެ ތިން މެންބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްއަށް ފޮނުވި ސިޓީއާ މެދު ހިތްހަމަނުޖެހިގެން އެ ބޭފުޅުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ފޮނުވި ސީޓީއާ ގުޅިގެން އެ މަޖިލީހުގެ 39 ވަނަ ޖަލްސާގައި ބަހުސްކުރެވިފައިވާ ކަމަށެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހުށަހެޅުނު ސިޓީގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ހިންގާ ކޮމިޓީގެ ތިން މެންބަރުން އެދިފައިވާ ކަންކަންތައްތަކުގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ބެލުމުގެ ދަށުން ޓީޓީ އެސޯސިއޭޝަނުގެ ހާއްސަ އާންމު ޖަލްސާއެއް ބާއްވައި، އެ އެސޯސިއޝަނުގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށް ފުރުސަތު ދެއްވުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްއަށާއި، ޓީޓީ އެސޯސިއޭޝަނަށް އަންގަވައި ދިނުމަށް އެދުމާއި، ޖަމުޢިއްޔާގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށް ފުރުސަތު ދިނުމަށްފަހުގައި މެނުވީ، މިހާރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ނުބޭއްވުމަށް އެންގުމާއި، ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާއަށްފަހު ބާއްވާ އިންތިޚާބު، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ސީދާ ބެލުމުގެ ދަށުން ބާއްވާ އިންތިޚާބެއް ކަމުގައި ހަމަޖެއްސުން ހިމެނެއެވެ.

އިންތިޚާބާ ގުޅިގެން ފިޔަވަޅުތަކެއް އަޅައިދިނުމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގައި ހިންގާ ކޮމިޓީގެ ތިން މެމްބަރުން ވަނީ އެދެފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ޝަކުވާތަކާ މެދު މަޖިލީހުން ވަކިގޮތެއް ނިންމަންދެން އިންތިޚާބާ ގުޅޭގޮތުން ޖަމުޢިއްޔާއިން ކުރަމުންދާ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގައި ދިނުމާއި، ހުށަހެޅިފައިވާ ޝަކުވާތައް މަޖިލީހުން ބަލައި، އެކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ އިންތިޚާބު ނުބޭއްވުމަށް ކަމާ ގުޅޭ އެންމެހައި ފަރާތްތަކަށް އަންގައިދިނުންވެސް ހިމެނެއެވެ.

މި ހުރިހާ ކަމަކަށް ބެލުމަށް ފަހު ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ތިން މެމްބަރުންގެ ސަމާލުކަމަށް ގެންނަ ކަންތައްތަކެއް ވަނީ ފާހަގަކޮށްފައެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފާހަގަކުރި ކަންކަން:

ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި 37 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ހިންގާ ކޮމިޓީގެ ޖަލްސާއެއް ބޭއްވޭނީ މަދުވެގެން ފަސް މެންބަރުން ޖަލްސާއަށް ހާޒިރުވެފައިވާނަމައެވެ. އަދި ހަމަ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވަނީ ހިންގާ ކޮމިޓީން ކަމެއް ފާސްވާނީ މަދުވެގެން ކޮމިޓީގެ ކޯރަމް ހަމަވާ ޖަލްސާއަކަށް ހާޒިރުވި މެންބަރުންގެ ތިން ބައިކުޅަދެބައި މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެން ކަމަށެވެ. ވީމާ، ހަވާލާދެވިފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަން ފާސްކޮށްފައި ވާނީ މި މާއްދާތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކަށް މަދުވެގެން ފަސް މެންބަރުން ހާޒިރުވެ ތިބިގެންކަމަށެވެ.

އަދި ފަސް މެންބަރުން ހަމަވުމުގައި މި ކައުންސިލަށް ސިޓީ ފޮނުވާފައިވާ ފަރާތްތަކަކީ މިހާރުގެ ހިންގާ ކޮމިޓީގައި ހިމެނޭ ފަރާތްތަކަށް ވުމާއެކު ތިޔަ ފަރާތްތަކުން ފަރާތެއް ނުވަތަ ފަރާތްތަކެއް ބައިވެރިވުމާއެކުގައި އެކަނިކަން ފާހަގަކުރަމެވެ. މިގޮތުން ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމާ ބެހޭ ގޮތުން 6 އޮގަސްޓު 2020 ވަނަ ދުވަހު ބޭއްވުނު އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީގެ ޖަލްސާގައި ފާސްކޮށްފައިވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށް ހިންގާ ކޮމިޓީ އިންތިޚާބު ކުރުމާ ބެހޭ ގޮތުން 9 އޮގަސްޓް 2020 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާކަން ފާހަގަ ކުރަމެވެ.

އަދި ހަމަ މި ތާރީޚުގައި ގެޒެޓުގައި ހިންގާ ކޮމިޓީގެ އިންތިޚާބު ކުރުމާ ބެހޭ ގަވާއިދު 2020 ވެސް ޝާއިއުކޮށްފައިވާކަންވެސް ފާހަގަކުރަމެވެ.

އަދި މި މަޖިލީހުން ދިން ލަފަޔާ ގުޅިގެން ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމެޓީ އިންތިޚާބާ ގުޅޭގޮތުން ޝަކުވާ ތިޔަ ފަރާތަކުން ފުރަތަމަ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ސަމާލުކަމަށް ގެނެސްފައިވަނީ 16 އޮގަސްޓް 2020 ގައި ކަންވެސް ފާހަގަކުރަމެވެ.

  • ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިހާރުގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރެވިފައި މިވަނީ 2016 ވަނަ އަހަރުގައިކަން ފާހަގަކުރާ ހިނދު، 2008 ވަނަ އަހަރު ފާސްކޮށް އަމަލުކޮށްފައިވާ ހިންގާ ގަވާއިދަށް އިސްލާހު ގެނެއުމުގެ މަސައްކަތް ކޮށްފައިވަނީވެސް 2016 ވަނަ އަހަރު ކަމަށް އަދި ކަމާ ބެހޭ ފަރާތްތަކަށް މި އިސްލާހުތައް ހިންގާ ކޮމިޓީން ހުށަހަޅާފައިނުވާކަން ތިޔަފަރާތްތަކުން ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
  • ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އެސޯސިއޭޝަނުން ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައްކޮށް އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާއި، އާންމު ޖަލްސާއިން ނިންމާ ގޮތްތަކާއި އެއްގޮތްވާގޮތުގެ މަތިން އެސޯސިއޭޝަން ހިންގުމުގެ ހުރިހާ ޒިންމާއަކާއި ބާރެއް ލިބިގެންވަނީ ހިންގާ ކޮމިޓީއަށް ކަމަށެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ނިންމުން:

އިސްވެ ދެންނެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް މިހާރު އޮތް ހިންގާ ގަވާއިދުގެ ދަށުން ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ އިންތިޚާބު ތިޔަ މެންބަރުން ހިމެނޭ ހިންގާ ކޮމިޓީން ފާސްކޮށް އިއުލާންކޮށްފައިވާ ވަގުތެއްގައި، ޖަމުޢިއްޔާގެ ހިންގާ ގަވާއިދު އިސްލާހުކުރުމަށް ފިޔަވަޅު އެޅުމާއި، އަދި މިހާރު އޮތް ހިންގާ ގަވާއިދުގެ ދަށުން ކުރިއަށް ގެންދާ އިންތިޚާބެއް ހުއްޓުވުމަކީ، ޓީޓީ އެސޯސިއޭޝަނާއި ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރެވި އަދި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ފެންނާތީ އާއި، ޓޓީޓީ އެސޯސިއޭޝަނަކީ ގައުމީ ހައިސިއްޔަތު ދެވިފައިވާ ޖަމުޢިއްޔާއެއް ކަމަށްވުމާއި، މި ޖަމުޢިއްޔާއަކީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނާއި، އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަން އަދި ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑަރޭޝަނުގެ މެންބަރެއް ކަމަށްވެފައި، މިއީ ޓީޓީ އެސޯސިއޭޝަނުގެ އެތެރޭގެ މައްސަލަތަކެއް ކަމަށްވުމާއެކު، ތިޔަ ފަރާތްތަކުންވެސް ހިމެނޭ ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީން މި މައްސަލަތައް ހައްލުކުރުމަށް ހިންގާ ގަވާއިދާއި އަދި ޖަމުޢިއްޔާއިން އެފްލިއޭޓް ވެފައިވާ ބައިނަލްއަގުވާމީ އިދާރާތަކުން މިފަދަ ކަންކަމުގައި ތަބާވުމަށް އަންގަވާފައިވާ ގޮތުގެ މަތިން އަދި މުސްތަގިއްލުކޮށް ޖަމުޢިއްޔާގެ ކަންކަން ކުރިއަށް ގެންދިއުމަށް ބާރުއަޅައި އެއްބާރުލުން ދިނުމަށް ތިޔަ ފަރާތްތަކަށް ދެންނެވުމަށާއި، އަދި ހަވާލާ ދެވިފައިވާ ސިޓީން އެދިވަޑައިގެންފައިވާ ފިޔަވަޅުތައް އަޅައިދެވެން ނެތްކަމަށް ތިޔަ ފަރާތްތަކަށް ދެންނެވުމަށް، މަޖިލީހުގެ 2020 ވަނަ އަހަރުގެ 39 ވަނަ ޖަލްސާއިން ވަނީ ނިންމަވާފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ތިން މެންބަރުންގެ ކަންބޮޑުވުންތަކަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފިނި ޖަވާބެއް ދިންއިރު، ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި ރައީސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ. ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަޒާންދާރުގެ މަގާމާއި، ފިރިހެން އަދި އަންހެން މެންބަރުން ތަމްސީލްކުރާ ގޮނޑި އާއި، ކުލަބުތަކާއި ބެލެނިވެރިން ތަމްސީލުކުރާ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ.

ކުރިއަށް އޮތް އިންތިޚާބުގައި 15 ކުލަބަކާއި، 272 މެންބަރުން ވޯޓުލާނެ ކަމަށާއި، މިހާރުގެ ހާލަތާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް
1 ސެޕްޓެންބަރ 2020 | އަންގާރަ 15:13
ސަހަރޯހީވޭ
ފަރިޔާޒު ކަލެއަށް ނުކެރޭދޯ ކޮމެންޓް ވެސް ޖަހާކަށް..