ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން، ރިސޯޓުތަކަށާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ކޮވިޑް-19 ސްކީމްގެ ދަށުން 600 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.
ޓިމް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅިގެން ދިޔަ ކަމަށެވެ. އެގޮތުން، ރިސޯޓްތަކާއި ޓަރންއޯވަރގެ ގޮތުގައި 10 މިލިއަން ރުފިޔާއަށް ވުރެ މަތިން ހޯދާފައިވާ ވިޔަފާރިތަކަށް ލޯނު ދޫކުރުމުގެ އިތުރުން، ބޭންކުން ލޯނު ނަގާފައިވާ ފަރުދުންނާއި ވިޔަފާރިތަކަށް ހަ މަސްދުވަހުގެ މުއްދަތަކަށް ލޯނު ފަސް ކޮށްދިނުމުގެ ފުރުސަތު އޭޕްރިލް މަހު ހުޅުވާލާއި ހާލަތަށް ރިޔާއަތް ކޮށް އިތުރު ތިން މަސް ދުވަހަށް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދީފައިވާ ކަމަށެވެ.
ބޭންކުން ލޯނުތައް ފަސްކޮށްދީފައި ވަނީ ލޯނު ދެއްކުން ފަސް ކުރާ ވަގުތުގައި ޕްރިންސިޕަލް އަދި އިންޓްރެސްޓް މި މުއްދަތުގައި ދައްކާކަށް ނުޖެހެއެވެ. އޭގެއިތުރުން، ނޭޝަނަލް ސްޓޫޑަންޓް ލޯނު އަދި އެޑިޔުކޭޝަނަލް އެސިސްޓެންސް ލޯނު ސްކީމްގެ ދަށުން ދޫކޮށްފައިވާ ލޯނުތައް ވެސް ފަސްކޮށްދީފައިވާ އިރު، ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މޯލްޑިސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ އާއި ގުޅިގެން ބޭންކުން ވަނީ ޝޯޓް ޓަރމް ފައިނޭންސިންގ އެއް ތަޢާރާފުކުރިކަން ޓިމް ފާހަގަކުރެއްވިއެވެ. މި ފައިނޭންސް މެދުވެރިކޮށް ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ހިންގުމަށް ދެ މިލިއަން ޑޮލަރާއި ހަމައަށް ފައިނޭންސް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން، ޓިމް ވަނީ ޑޮލަރ ލިކިއުޑިޓީއަކީ އެންމެ ބޮޑު އެއް ގޮންޖެހުމަށްވާއިރު ބައިނަލް އަޤްވާމީ މާލީ އިދާރާތަކާ ގުޅިގެން ކަސްޓަމަރުންނަށް އެހީތެރިވުމަށް ފަންޑިންގ ހޯދުމުގެ މަސައްކަތް ބީއެމްއެލް އިން ކުރަމުންދާކަމަށް ފާހަގަކުރައްވާފައެވެ. އަދި ގޮންޖެހުންތަކާއި ކުރިމަތިވިނަމަވެސް ލިކުއިޑިޓީ ދެމެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ޓިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިސްޓްރީ އޮފް ފައިނޭންސް މެދުވެރިކޮށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން ވަނީ 20 މިލިއަން ޔޫރޯގެ ފެސިލިޓީއެއް ހަމަޖެހިފައި ކަމަށާއި އޭގެ ފަހުން އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ބޭންކަށް 50 މިލިއަން ޑޮލަރާހަމައަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަން ވެސް ޓިމް ފާހަގަކުރެއްވިއެވެ.
ޓިމް އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ހަރުދަނާ ނަތީޖާއެއް ބޭންކަށް ހޯދުނު ކަމުގައިވިޔަސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2019 ވަނަ އަހަރުގެ ލިބުނު ކާމިޔާބީ މިއަހަރު ދެމެހެއްޓެމުން ނުދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ބަލާއިރު މީގެ މަދު ހަފްތާތަކަކާ ހަމައަށް ހުރީ މުޅިންހެން ހުއްޓިފައި ކަމަށާއި މީގެ ސަބަބުން އަދި މިހާތަނަށް ރާއްޖޭގެ އިގްތިސާދަށް ނުކުރާހާ މިންވަރަކަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް ޓިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން ވިޔަފާރިތަކަށް މިފަދަ ބޮޑު ލޮޅުމެއް އެރުމަކީ ބޭންކެއްގެ އާމްދަނީއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށާއި މުޅި އަހަރުގެ މާލީ ނަތީޖާއަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ޓިމް ވިދާޅުވިއެވެ.
ޓިމް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ކައިރި މުސްތަޤްބަލެއްގައި ނިމިދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެންނަމަވެސް، ބޭންކުން ދާނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދީ، އެހީތެރިވެވޭނެ ގޮތްތައް ބަލަމުން ކަމަށް ވިދާޅުވެފައެވެ. އަދި ޑޮލަރު ނުލިބުމުގެ ދަތިކަން އިތުރަށް ބޮޑުވެ ޕްރޮވިޝަނިންގ އިތުރުވަމުން ދާނެކަމަށާއި ކޮންމެފަދަ ހާލެއްގައި ވެސް ބޭންކް އޮފް މޯލްޑިވްސް ދެމި އޮންނާނީ ދިވެހި ރައްޔިތުންނާއެކު ކަމަށް ޓިމް ވިދާޅުވިއެވެ.