ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 22:33
އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު ޖެކް ގްރީލިޝް
އެސްޓަން ވިލާ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު ޖެކް ގްރީލިޝް
ގެޓީ އިމޭޖަސް
ގްރީލިޝް އިންގްލެންޑް ސްކޮޑަށް ނެގުން
ގްރީލިޝް ފުރަތަމަ ފަހަރަށް އިންގްލެންޑް ސްކޮޑަށް
ޔުއެފާ ނޭޝަންސް ލީގުގައި އަންނަ މަހު އިންގްލެންޑުން އައިސްލެންޑާއި ޑެންމާކާ ދެކޮޅަށް ނުކުންނާނެ
އިންގްލެންޑް ސްކޮޑުން މާކަސް ރަޝްފޯޑާއި ހެރީ ވިންކްސް ވަނީ ބާކީކޮށްފައި

އެސްޓަން ވިލާގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ފުރަތަމަ ފަހަރަށް އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ނަގައިފިއެވެ.

ސެޕްޓެމްބަރު މަހު ޔުއެފާ ނޭޝަންސް ލީގު ފަށާއިރު، އަންނަ މަހުގެ ކުރީކޮޅު އިންގްލެންޑުން އައިސްލެންޑާއި ޑެންމާކާ ދެކޮޅަށް ނުކުންނާނެއެވެ.

މި ދެ މެޗަށް ނެގި ސްކޮޑުން ގްރީލިޝްއަށް ޖާގަ ދިނުމަށް އިންގްލެންޑް ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ނިންމީ ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑާއި ޓޮޓެންހަމް ހޮޓްސްޕާގެ މިޑްފީލްޑަރު ހެރީ ވިންކްސް ބާކީކުރުމާ ގުޅިގެންނެވެ. މީގެ ތެރެއިން ވިންކްސް ސްކޮޑުން ބާކީކުރި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، ރަޝްފޯޑް ސްކޮޑުން ބާކީކުރީ އަނިޔާގައި ހުރުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޅިން އަލަށް އުމުރުން 24 އަހަރުގެ ގްރީލިޝް އިންގްލެންޑް ސްކޮޑަށް ނެގިއިރު، މިދިޔަ ސީޒަނުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ގްރީލިޝް ވަނީ މިދިޔަ ސީޒަނުގައި ޖުމްލަ 10 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން އަށް ލަނޑު އޭނާ ކާމިޔާބުކުރީ އިނގިރޭސި ޕްރިމިއާ ލީގުގައެވެ.

މީގެ ކުރިން އިންގްލެންޑްގެ 21 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށްވެސް ކުޅެފައިވާ ގްރީލިޝް ވަނީ މިހާތަނަށް އެސްޓަން ވިލާއަށް ކުޅެދިން 186 މެޗުގައި 25 ލަނޑު ކާމިޔާބުކޮށްފައެވެ.

ކުރިއަށް އޮތް ޔުއެފާ ނޭޝަންސް ލީގަށް އިންގްލެންޑުން ތައްޔާރުވަމުން އަންނައިރު، އެންމެ ފަހުން އިންގްލެންޑުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ އަންނަ އަހަރަށް ފަސްކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ކޮސޯވޯ އަތުން 4-0 ން އިންގްލެންޑް މޮޅުވި މެޗެވެ. އޭގެ ފަހުން ކޮވިޑް-19 ގެ ބްރޭކާ ގުޅިގެން އިންގްލެންޑުން މިހާތަނަށް މެޗެއް ކުޅެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް