ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 13:41
ރ. ކިނަޅޮހުގައި އަޅަމުންދާ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތުގެ ތެރެއިން
ރ. ކިނަޅޮހުގައި އަޅަމުންދާ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތްތައް
ޒުވާނުންގެ ރީތި ނަމޫނާއެއް: ކިނޮޅަސް ވޮލީބޯޅަ ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް
މި ކޯޓުގެ މަސައްކަތް ކުރިއަށްދަނީ އެ ރަށު ކައުންސިލުން އިއުލާން ކޮށްގެން އެންޓީއެން ޕާޓްނާޝިޕާ ހަވާލުކޮށްގެން
މި މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 538،967 ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައި
މި މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބެމުންދޭ

ރ. ކިނަޅޮހުގައި އަޅަމުންދާ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތަށް އެ ރަށުގެ ޒުވާނުންގެ ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ކިނަޅޮހުގައި އަޅާ އައުޓްޑޯ ވޮލީބޯޅާ ކޯޓުގެ މަސައްކަތް ކުރިއަށްދަނީ އެ ރަށު ކައުންސިލުން އިއުލާން ކޮށްގެން އެންޓީއެން ޕާޓްނާޝިޕާ ހަވާލުކޮށްގެންނެވެ. މި މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 538،967 (ފަސް ލައްކަ ތިރީސް އަށްހާސް ނުވަސަތޭކަ ފަސްދޮޅަށް ހަތެއް) ރުފިޔާގެ ބަޖެޓެއް އެކުލަވާލާފައެވެ. މި ކޯޓުގެ މަސައްކަތް ނިމޭއިރު، ކޯޓުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކުރެވިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ހޯމަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާ އާއި ކައުންސިލް ގުޅިގެން ކިނަޅޮހުގައި ތަރައްގީ ކުރަމުންދާ ވޮލީބޯޅަ ކޯޓުގެ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. އަދި ނެތެމުންދާ މިފަދަ ރީތި އާދަތައް ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުންދާތީ އުފާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ކިނަޅޮސް ކައުންސިލްގެ ރައީސް އަޙްމަދު ހުސެއިން ވިދާޅުވީ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، ފައުންޑޭޝަނާއި ގާ އެޅުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ރޭނުމުގެ މަސައްކަތް ކަމަށެވެ. އަދި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ކުރާ މިފަދަ މަސައްކަތަކަށް ރަށުގެ ޒުވާނުންގެ ފުރިހަމަ އެއްބާރުލުން ލިބުން ކަމަށްވެސް ވިދާޅުވިއެވެ.

އަޙްމަދު ހުސެއިން އިތުރަށް ވިދާޅުވީ އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް އެއްކޮށް ނިންމާލާއިރު، ކޯޓުގެ ދެ ފަރާތުގައި ސަޕޯޓަރުންނަށް ތިބެވޭނެ ސިޑިބަރިއަކާއި ޗޭންޖިންގ ރޫމެއް އެޅުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭރުން މި ކޯޓު ވެގެންދާނީ ރާއްޖޭގެ ރަށެއްގައި އަޅާ އެންމެ ފެންވަރު ރަނގަޅު އެއް އައުޓްޑޯ ވޮލީބޯޅަ ކޯޓަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިނަޅޮހުގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އއ. އުކުޅަހާއި ކ. ހުރާގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައެވެ. ރާއްޖޭގެ ދެ ރަށެއްގައި އެޅި އައުޓްޑޯ ވޮލީބޯޅަ ކޯޓުގެ މަސައްކަތް ނިންމާލާފައިވާއިރު، ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ކުޅިވަރާ ބެހޭ ވަޒީރު އިސް ނަންގެވައިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް