ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ކުރެއްވި މިނިސްޓަރު ކަމުގެ ހުވާގައި ޤާނޫނީ ސުވާލުތަކެއް އުފެދޭތީ އަލުން ހުވާ ކުރައްވާ މިނިސްޓަރަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވި މައްސަލަ އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
މައުސޫމް ކުރެއްވި ހުވާގައި ޤާނޫނީ ސުވާލުތަކެއް އުފެދުނީ ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށް ތަޅުމަށް އެ މައްސަލަ ގެނައި ފަހުންނެވެ. ކޮމިޓީ ރިޕޯޓް ހުށަހަޅާ އެ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރުން އުފެއްދެވި ސުވާލަކީ މައުސޫމް މިނިސްޓަރުކަމުގެ ހުވާކުރެއްވިއިރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވުމެވެ. އެއާއެކު އެކަން އަލުން ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާމިންވަރު ބަލާ ކޮމިޓީއަށް ފޮނުވާލިއެވެ.
ކޮމިޓީން މިމައްސަލަ ދިރާސާ ކުރުމަށްފަހު ނިންމީ މަޢުޞޫމް ކުރެއްވި މިނިސްޓަރުކަމުގެ ހުވާގައި ޤާނޫނީ ސުވާލުތަކެއް އުފެދޭތީ އަލުން ހުވާ ކުރަން ޖެހޭ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައުސޫމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާ އަލުން އެ މަގާމަށް އައްޔަންކުރައްވާ ހުވާކުރެއްވީ އާދިއްތަ ދުވަހުއެވެ.
ޑރ މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ. އެގޮތުން 1985 ވަނަ އަހަރު ޓުއަރިޒަމް ޑިޕާޓްމެންޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަޤާމުން މަސައްކަތް ފައްޓަވައި، އޭގެފަހުން ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި ގުޅިގެން ޓުއަރިޒަމަށް އައި ހީނަރުކަމުން އަރައިގަތުމަށް އުފެއްދެވި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ފެށިގެން، ޓޫރިޒަމް މިނިސްޓްރީގެ ނައިބްކަމުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފަވެއެވެ. އޭގެއިތުރުން ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެންވަޔަރަމެންޓް މިނިސްޓަރުކަން ވެސް މައުސޫމް އަދާކުރައްވާފައިވެއެވެ.
ޓުއަރިޒަމް މިނިސްޓަރުކަމަށް، މައުސޫމް އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ވަހީދު، މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން މަޤާމު ހުސްވެފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. ކުރީގެ މިނިސްޓަރ، އަލީ ވަހީދު ޓުއަރިޒަމް މިނިސްޓަރުކަމުން ވަކިކުރެއްވުމާއި އެކު މިނިސްޓްރީގެ މަސައްކަތްތައް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ބެއްލެވުމުގެ ދަށަށް ވަގުތީ ގޮތުން ބަދަލުކުރެވުނެވެ.