ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ހޮޓާ ގަންނަން އުޅުނު ފަރާތުން މިހާރު އެތަން ނުގަންނާނެ ކަމަށް ބުނެފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު އެސްޓީއޯ އިން ކުރިއަށް ގެންދިޔަ އެކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، މިދިޔަ އަހަރުގެ ފަހުކޮޅު ހޮޓާ ގަންނާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރުމުން އެކަށީގެންވާ އަގަކަށް ހޮޓާ ގަންނާނެ ފަރާތެއް ހޯދުނު ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެ ފަރާތުން މިކަމުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، ހޮޓަލުގެ ލީސް ރެންޓުގެ ގޮތުގައި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން އަށް ދައްކަން ޖެހިފައިވާ ހަތަރު މިލިއަން ޑޮލަރު އެޗްޑީސީ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ނުދެއްކުމަށް ނިންމާފައިވާ ކަމަށާއި މި އެއްބަސްވުމަކީ ދެފަރާތް ގުޅިގެން ހޮޓާ ވިއްކާލުމަށް ވެފައިވާ އެއްބަސްވުމަކަށް ވާތީ ލީސް މުއްދަތު އިތުރު ކުރުމާއި ހޮޓަލުގެ ކުލީގެ މައްސަލަ ހައްލު ކުރުމަށް ހުރި ގޮންޖެހުންތަކަށް މިހާރު ވަނީ ނިމުމެއް ގެނެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ހޮޓާ ތަރައްގީ ކުރުމަށް ގިނަ ކުންފުނިތަކާ މީގެ ކުރިން ހަވާލު ކުރި ނަމަވެސް އެ ކުންފުނިތަކަށް ދީފައިވާ އެއްބަސްވުންތައް މިހާރު ބާތިލް ކޮށްފައިވާކަން ފާހަގަކުރައްވާ މި ބަދަލުތަކަކީ އޭގެ ސަބަބުން އެސްޓީއޯ އަށް މާލީ ގޮތުން ގެއްލުމެއް ކުރިމަތިނުވާނެ ގޮތަށް ގެނެވުނު ބަދަލުތަކެއް ކަމަށް އަމްރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތައް ނުކުތުމުގެ ބޭނުމުގައި އެސްޓީއޯ އިން 25 އަހަރުގެ މުއްދަތަކަށް ހުޅުމާލެ އިން ނެގި ބިމުގައި 250 ކޮޓަރީގެ ހޮޓަލެއް ތަރައްގީ ކުރުމަށް އެކުންފުނިން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އެގޮތުން އެ މަޝްރޫއު ފެށުމުގެ ގޮތުން 60 މިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކޮށް އެސްޓީއޯ އިން 2011 ވަނަ އަހަރު އެމެރިކާގެ ކުންފުންޏަކާއި ގުޅިގެން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި ހޮޓާ ތަރައްގީ ކުރުމަށް 2012 ވަނަ އަހަރު ތައި އެގްޒިމް ބޭންކާއެކު ލޯނު އެގްރީމެންޓެއްގައި ސޮއިކުރިއެވެ. އަދި 2013 ވަނަ އަހަރު ކޮންޓްރެކްޓަރުން އައްޔަންކޮށް މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ހޮޓާ ތަރައްގީ ނުވެ ދިގުލައިގެން ގޮސް 2018 ވަނަ އަހަރު އެ ކުންފުނިން ވަނީ އެ ހޮޓާ ވިއްކާލަން ނިންމާފައެވެ.