ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާ އަކަށް 58 ރުފިޔާ ބަހަން ނިންމައިފިއެވެ.
އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ 2019 ވަނަ އަހަރުގެ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ގައި ނިންމާފައިވާއިރު، ޖަލްސާގެ ބައިވެރިން ވަނީ 2019 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ވެސް ފާސް ކޮށްފައެވެ. އޭގެ އިތުރުން، 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އަދި 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓް ރިޕޯޓް ވެސް ވަނީ ފާސްކޮށްފައެވެ.
އެސްޓީއޯގެ އޮޑިޓަރުންގެ ގޮތުގައި ހޮވުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށައެޅި ޕްރައިސްވޯޓަރ ހައުސްކޫޕާސް ވަނީ 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ފާސް ކޮށްފައެވެ. ޕްރައިސްވޯޓަރ ހައުސްކޫޕާސް އިން 52،788 އެމެރިކާ ޑޮލަރު އަގު ގޮތުގައި ކަނޑައަޅާފައިވާ އިރު، ކޭޕީއެމްޖީ އިން ހުށައަޅާފައި ވަނީ 51،410 އެމެރިކާ ޑޮލަރެވެ. އެހެން ނަމަވެސް ކޭޕީއެމްޖީގެ ބަދަލުގައި ޕްރައިސްވީޓަރ ހައުސްކޫޕާސް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ހުށައަޅާފައި ވަނީ މާ ގިނަ އަހަރުތަކަގު އެއް ކުންފުންޏަކުން ކުންފުނީގެ އޮޑިޓް ހަދަމުންދާ ކަމުގެ ކަންބޮޑުވުން ހިއްސާދާރުން އުފުލުމުންނެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ފާއިތުވި އަހަރު ސަރުކާރުން ހުށައަޅާފައިވާ ނަންތަކަށް ސަރުކާރުން އެއްވެސް ބަދަލެއް ގެނަސްފައެއް ނުވެއެވެ. އެހެން ކަމުން މިއަހަރު ވެސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވީ، އެސްޓީއޯގެ ޗެއަރމަންގެ މަގާމުގައި ހާމިދު ނަޝީދު މުހައްމަދު، މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު، ޑިރެކްޓަރު މުހައްމަދު މިހާދު، ޑިރެކްޓަރު ޝިމާދު އިބްރާހިމް، ޑިރެކްޓަރު ގައިސް އިސްމާއިލް އަދި ޑިރެކްޓަރު، އިސްލމާއިލް ޒުމައިލް ރަޝީދުއެވެ.
އޭގެ އިތުރުން ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާސްވެފައި ވަނީ ހ. މޮސްކޯ، އައިމިނަތު ރުޝްމާއެވެ. މިއީ ފާއިތުވި އަހަރު ވެސް ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ހުންނެވި ބޭފުޅާއެވެ.
ފުރަތަމަ ފަހަރަށް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ވާޗުއަލްކޮށް ބާއްވާފައިވާ އިރު، މި ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ. އަދި އޭޖީއެމްގައި 921،765 ހިއްސާ ތަމްސީލުކުރާ 52 މެމްބަރުން ވަނީ ބައިވެރިވެފައެވެ. އެއީ 11 މެމްބަރުންނާއި 41 ޕްރޮކްސީއެވެ.
ޖަލްސާގައި އެސްޓީއޯގެ މައި ހިއްސާދަރުންގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އިސްމާއިލް އަލީ މަނިކުއެވެ.