ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 15:16
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖޭގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖޭގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
މާޒިޔާ ސްޕޯރޓްސް ކްލަބް
އޭއެފްސީ ކަޕް
ބޮޑަށް ބެލެވެނީ އޭއެފްސީ ކަޕް ކެންސަލް ވާނެ ކަމަށް: ބައްސާމް
އަންނަ މަހުގެ ތެރޭގައި ކޮމްޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައި
މުބާރާތް ކެންސަލް ވެއްޖެނަމަ ބޮޑު ގެއްލުމެއް ރާއްޖޭގެ ކުލަބުތަކަށް ވާނެ
މިހާރު މެޗުތައް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދަށް

އޭއެފްސީ ކަޕްގައި މިއަހަރު ރާއްޖެއިން ވާދަކުރާ ދެ ޓީމު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކުލަބު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ކެންސަލްވުމުގެ ފުރުސަތު ބޮޑު ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް މެދުކަނޑާލީ މާޗު މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން އޭއެފްސީން ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒް ކޮށްގެން އޮކްޓޯބަރު މަހު އަލުން ފެށުމަށް ނިންމާފައެވެ. އެގޮތުން ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އޭއެފްސީގެ ފަރާތުން ގޮތެއް ނިންމުމަށް އަންނަ މަހުގެ ތެރޭގައި ކޮމްޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި، އެކަން މިހާރު އެފްއޭއެމަށް އަންގާފައިވާ ކަމަށެވެ.

ރާއްޖެ އާއި ދުނިޔޭގެ ހާލަތުވެސް މިހާރު މި އޮތް ގޮތުން ބޮޑަށް ބެލެވެނީ މުބާރާތް ކެންސަލް ކުރަން ނިންމާނެހެން. ރާއްޖޭގައި ކުޅޭ ގްރޫޕް މެޗުތައް ނޫން އެހެން ގްރޫޕްގެ މެޗުތަކަށް ހޮސްޓެއްވެސް ހަމަނުޖެހޭ. މި ހުރިހާ ކަމަށްބަލާފައި ބެލެވެނީ މުބާރާތް މި އަހަރު ކެންސަލް ކުރާނެ ކަމަށް.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

މިކަމާ ގުޅިގެން ޓީސީ ސްޕޯޓްސް ކުލަބުގެ މެނޭޖަރު މުޙައްމަދު އީސާ ބުނީ މުބާރާތް ކެންސަލް ކޮށްފިނަމަ، އެ ކުލަބަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށާއި، އޭއެފްސީ ކަޕަށް އަމާޒުކޮށް ޓީމަށް ކުޅުންތެރިން ހޯދާ ތައްޔާރުވެފައިވާ ކަމަށެވެ.

މިފަދަ ހާލަތެއްގައި މިއީ ޓީސީއަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނީ. އޭއެފްސީ ކަޕް އޮތުމުން ކުލަބުން މިހާރުވެސް ވަނީ ބޮޑު ހޭދައެއްކޮށް، ތައްޔާރުވެފައި. އަނެއްކޮޅުން ރާއްޖެއިން ބޭރު ކުޅުންތެރިން މިހާރު ގެނެސް، އަތޮޅު ތެރޭގައި ތިބި ކުޅުންތެރިން ވެސް މާލެ ގެނެސް ފަރިތަކުންތައް ފަށަން ޓީމު މިވަނީ ތައްޔާރުވެފައި. އެހެންވީމާ މުބާރާތް ކެންސަލްވުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނީ.
ޓީސީގެ މެނޭޖަރު މުޙައްމަދު އީސާ

ބޭރު ކުޅުންތެރިންގެ ޓިކެޓާއި، ހުރުމާއި އަދި އަތޮޅު ތެރެއިން އައި ކުޅުންތެރިންނަށް ކުލަބުން ބޮޑު ހޭދަކޮށް ތައްޔާރުވެފައިވާއިރު، މުބާރާތް ކެންސަލް ވެއްޖެނަމަ، ސީޒަން ފެށެންދެންވެސް އެ ކުޅުންތެރިން ތިބޭނީ ކަމެއްނެތި ކަމަށާއި، އެހެން ނަމަވެސް ކުލަބުން ބޮޑު ހޭދައެއް ކޮންމެ މަހަކުވެސް ކުރަން ޖެހޭނެ ކަމަށް އީސަ ބުންޏެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މުބާރާތް ކެންސަލްވުމަކީ އެ ކުލަބަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ވެގެންދާނެ ކަމެއް ކަމަށެވެ.

މިއީ ހަމަ ބުނަންވެސް ނޭނގޭވަރުގެ މާލީ ގެއްލުމެއް މާޒިޔާއަށް ކުރިމަތިވާނެ ކަމަކަށްވާނީ. އަނެއްކޮޅުން ދެ ޓީމުގެ ކުޅުންތެރިންނަށްވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާނެ. މިއަހަރު ކުޅުންތެރިންނަށް ޕާފޯމް ކޮށްލަން ލިބުނު ފުރުސަތު މިއީ. އަނެއްކޮޅުން ރާއްޖޭގައި މުބާރާތް އޮތުން އަދި ރާއްޖޭގެ ދެ ޓީމު ވާދަކުރާތީ ވަރަށް ބޮޑު ފުރުސަތެއް އޭއެފްސީގައ ކުރިއަށްދާން ލިބިފައިވަނީ. އެކަމަށްވެސް ނިމުން އަންނާނެ މި މެޗުތައް ކެންސަލް ވެއްޖެއްޔާ.
މާޒިޔާގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ)

އޭއެފްސީ ކަޕް ކެންސަލް ކުރާނެ ކަމަށް ބެލެވޭއިރު، ރިޕޯޓުތައް ބުނާގޮތުން އޭއެފްސީގެ ކަންބޮޑުވުން އޮތީ ބައެއް ގްރޫޕްތަކުގެ މެޗުތައް ހޯސްޓް ކުރާނެ ގައުމެއް ނެތްއިރު، ކޮވިޑް-19 އާ ގުޅިގެން މިހާލަތުގައި ގައުމުތަކުން މެޗުތައް ހޯސްޓް ކުރަން ބޭނުންނުވުމެވެ. އެހެންކަމުން މުބާރާތް ކެންސަލް ކުރުމާ މެދު ގޮތެއް ނިންމަން އޭއެފްސީގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން މަޝްވަރާކޮށް އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް މި ކަމުގައި ގޮތެއް ކަނޑައެޅުމަށް މިހާރު ވަނީ ނިންމާފައެވެ.

އޭއެފްސީ ކަޕްގެ އިތުރުން މިއަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުވެސް ކެންސަލް ކުރަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު މީގެ ކުރިން އޭއެފްސީން ވަނީ މި ދެ މުބާރާތް ކެންސަލް ނުކޮށް މުބާރާތް ފުރިހަމަކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފައެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގެ މެޗުތައް ބޭއްވުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވާއިރު، މިހާރު އޮތް ތާވަލުގެ ދަށުން އަންނަ އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް މާލޭގައި ކުރިއަށްދާނެއެވެ.

މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފައެވެ. އެ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުން އެޓީމު ވަނީ 5-1 ން ބަލިވެފައެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ 2-2 ން އެއްވަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް