ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 13:47
އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީ: އޭނާ ޔުވެންޓަސްއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން
އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީ: އޭނާ ޔުވެންޓަސްއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން
ގެޓީ އިމޭޖަސް
މެކެނީ ޔުވެންޓަސްއަށް ބަދަލުވުން
ޝާލްކާގެ މިޑްފީލްޑަރު މެކެނީ ޔުވެންޓަސްއަށް
މެކެނީ ޔުވެންޓަސްއަށް ބަދަލުވީ އެއް އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން
ޔުވެންޓަސްއިން ބޭނުންވެއްޖެ ނަމަވ15.8 މިލިޔަން ޔޫރޯ ދެއްކުމަށްފަހު މެކެނީގެ އެއްބަސްވުން ދާއިމީ ކުރެވޭނެ

ޝާލްކާއަށް ކުޅެމުން އަންނަ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ވެސްޓަން މެކެނީ ޔުވެންޓަސްއަށް ބަދަލުވެއްޖެއެވެ.

އުމުރުން 22 އަހަރުގެ މެކެނީ ޔުވެންޓަސްއަށް ބަދަލުވީ އެއް އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ޔުވެންޓަސްއިން ޝާލްކާއަށް 4.5 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އަދި ޔުވެންޓަސްއިން ބޭނުންވެއްޖެ ނަމަ، 15.8 މިލިޔަން ޔޫރޯ ދެއްކުމަށްފަހު މެކެނީގެ އެއްބަސްވުން ދާއިމީ ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެކެނީ އަކީ ދާދި ފަހުން ޔުވެންޓަސްގެ ކޯޗުގެ މަގާމާ ހަވާލުވި އަންދްރޭ ޕިރްލޯ، އަންނަ ސީޒަނަށް އެ ކުލަބަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

ޝާލްކާގެ ސީނިއާ ޓީމުން 2017 ވަނަ އަހަރު ކެރިއަރު ފެށި މެކެނީ ވަނީ އެ ޓީމުގައި ހޭދަކުރި ހަތަރު ސީޒަނުގައި 91 މެޗު ކުޅެދީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް 19 މެޗު ކުޅެދީފައިވާ މެކެނީ ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމާއެކު މިދިޔަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕްގެ ފައިނަލްގައި ވާދަކޮށްފައެވެ.

އަންނަ ސީޒަނަށް ޔުވެންޓަސްގެ މެދުތެރެ އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މެކެނީގެ ސޮއި ހޯދިއިރު، އައު ކޯޗު ޕިރްލޯއާއެކު ޔުވެންޓަސްގެ މެދުތެރެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މެދުތެރެއަށް ކުޅެމުން އައި މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އެ ކުލަބު ދޫކޮށްލާފައިވާއިރު، މިޑްފީލްޑަރު އާރޮން ރަމްސޭވެސް ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕިރްލޯ ވަނީ ފޯވާޑް ގޮންޒާލޯ ހިގުއައިންވެސް ދޫކޮށްލުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް