ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 13:37
ބ. ދަރަވަންދޫގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު: ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ ހޮނިހިރު ދުވަހުގެރޭ
ބ. ދަރަވަންދޫގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑު: ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ ހޮނިހިރު ދުވަހުގެރޭ
ކުޅިވަރާ ބެހޭ ވުޒާރާ
ފުޓްސަލް ދަނޑުގެ މަސައްކަތްތައް
ދަރަވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި، ރަސްމީކޮށް އެ ދަނޑު ހުޅުވައިފި
މި ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިން
މި މަސައްކަތަށް 1،042،356 ރުފިޔާ ވަނީ ޚަރަދުކޮށްފައި

ބ. ދަރަވަންދޫގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި ރަސްމީކޮށް އެ ދަނޑު ހުޅުވައިފިއެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިންނެވެ. އެ ދަނޑުގައި ވަނީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓްވެސް ހަރުކޮށްފައެވެ.

މި ދަނޑުގެ މަސައްކަތަށް 1،042،356 (އެއް މިލިޔަން ސާޅީސް ދެހާސް ތިންސަތޭކަ ފަންސާސް ހަޔެއް) ރުފިޔާ ޚަރަދުވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެރޭއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އެ ދަނޑާއެކު އެ ރަށުގައި ދެ ޖިންސުގެ މީހުންގެ ބައިވެރިވުން ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަން ނިމުމާއެކު ދަރަވަންދޫ ފުޓްސަލް ޓީމު ބަލިކުރަން ވަޑައިގަންނަވާނެ ކަމަށެވެ.

އަދި އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަޒީރު ވަނީ މި މަސައްކަތް ނިންމާލުމުގައި ޒުވާނުންނާއި އެ ރަށު ކައުންސިލުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ދަނޑު ހުޅުވުމަށް ހޮނިހިރު ދުވަހުގެރޭ ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، އެ ދަނޑު ހުޅުވުމުގެ ގޮތުން ވަނީ އަންހެނުންގެ ފުޓްސަލް މެޗަކާއި ފިރިހެނުންގެ ފުޓްސަލް މެޗެއް ކުޅެފައެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތު ދެއްވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވީ ދަނޑު ރަސްމީކޮށް ހުޅުވީ ދަނޑާ މެދު ރަށުގެ ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށްފަހު ކަމަށެވެ. އަދި އެ ދަނޑަކީ އަތޮޅު ފެންވަރުގައި އޮތް އެންމެ ރަނގަޅު އެއް ފުޓްސަލް ދަނޑު ކަމަށްވެސް މާޖިދު ވިދާޅުވިއެވެ.

ދަރަވަންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިއިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ގިނަ ފުޓްސަލް ދަނޑުތަކެއް އަޅަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއަށްވެސް މާލީ ދަތިތަކާ ކުރިމަތލާން ޖެހިފައިވާއިރު، އޭގެ ސަބަބުން ނުފެށި ހުރި ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމަކުވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ކޮވިޑް-19 ގެ ކުރިން ވަރަށް ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށްފައި އޮތުމުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް