އދ. ގެ ސަލާމަތީ މަޖިލީހުގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑިއަށް އިންޑޮނޭޝިއާއިން ރާއްޖެއާ ވާދަކުރުމަށް ގައުމުތަކުގެ ތާއީދު ހޯދަން ފަށައިފި އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑިއަށް ރާއްޖެއިން ވާދަކުރާނެކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގަ އެވެ.
ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި މިއީ ރާއްޖެއިން އދ. ގައި ބައިވެރިވިތާ 51 އަހަރުވެފައިވާއިރު، އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހަށް ރާއްޖެއިން ވާދަކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އެހެން ނަމަވެސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ސަލާމަތީ މަޖިލީހަށް ވާދަކޮށް ގިނަ ގައުމުތަކުގެ ތާއީދު ވެސް ހޯދި އެވެ.
ސަލާމަތީ މަޖިލީހުގެ 2019-2020 ގެ ދައުރުގެ ދާއިމީ ނޫން މެންބަރު ކަމަށް އިންޑޮނޭޝިއާއިން ވެސް ވާދަކުރާއިރު، އެގައުމުން ދަނީ އެކި ގައުމުތަކުގެ ތާއީދު ހޯދަމުންނެވެ. އެގޮތުން އެގައުމުން ވަނީ މިހާތަނަށް 95 ގައުމެއްގެ ތާއީދު ހޯދާފަ އެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑި ޔަގީންކުރުމަށް މަދުވެގެން 129 ގައުމެއްގެ ތާއީދު ބޭނުންވާނެ އެވެ.
އިންޑޮނޭޝިއާގެ ސަރުކާރުން ބުނާގޮތުގައި އިތުރު 92 ގައުމެއްގެ ތާއީދު އެގައުމަށް ލިބޭނެ އެވެ. އިންޑޮނޭޝިއާއިން ލަފާކުރާ ގޮތުގައި އޭޝިއާ ބައްރުގެ 22 ގައުމަކާއި، އެފްރިކާ ބައްރުގެ 33 ގައުމަކާއި، އިރުމަތީ ޔޫރަޕްގެ 12 ގައުމަކާއި، ހުޅަނގު ޔޫރަޕްގެ 10 ގައުމެއްގެ އިތުރުން ލެޓިން އެމެރިކާ އަދި ކެރީބިއަންގެ 16 ގައުމެއްގެ ތާއީދު ލިބޭނެ އެވެ.
ޖަޕާނުން ވެސް ވަނީ އިންޑޮނޭޝިއާއަށް ތާއީދުކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އިންޑޮނޭޝިއާއަށް ތާއީދުކުރަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ ޖަޕާނަށް ވަޑައިގެން އުޅުއްވާ އިންޑޮނޭޝިއާގެ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް މިނިސްޓަރާއެކު ޖަޕާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ބޭއްވި ބައްދަލުވުމުގަ އެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުން ބާއްވަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ އެމެރިކާގެ ނިއުޔޯކްގަ އެވެ.
އދ. ގެ އެންމެ މުހިންމު އެއް ގުނަވަން ކަމަށް ވާ ސަލާމަތީ މަޖިލީހުގައި 15 މެމްބަރުން ތިބޭއިރު، ދާއިމީ ފަސް މެމްބަރުން ފިޔަވައި ދެން ތިބެނީ އިންތިހާބު ކުރާ މެމްބަރުންނެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަކުރަން ނިންމާފައިވާ ވާހަކައިގެ އިތުރުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އަދި އެހެން ގައުމުތަކުގެ ތާއީދު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތަކެއް ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވުމަށްޓަކައި ގިނަ ގައުމުތަކެއްގެ ތާއީދު ބޭނުންވާއިރު، ރާއްޖޭގައި ސިޔާސީ ލީޑަރުން ޖަލަށްލުމާއި، ހައްގުތައް ހިފަހައްޓަމުންދާތީ ބޭރުގެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެމުންނެވެ.