ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 23:11
އާސެނަލް ޓީމު ކޮމިއުނިޓީ ޝީލްޑާއެކު: މިއީ އާސެނަލުން ޝީލްޑް ކާމިޔާބުކުރި 16 ވަނަ ފަހަރު
އާސެނަލް ޓީމު ކޮމިއުނިޓީ ޝީލްޑާއެކު: މިއީ އާސެނަލުން ޝީލްޑް ކާމިޔާބުކުރި 16 ވަނަ ފަހަރު
ގެޓީ އިމޭޖަސް
ކޮމިއުނިޓީ ޝީލްޑް މެޗު
ލިވަޕޫލް ބަލިކޮށް އާސެނަލުން ޝީލްޑް ކާމިޔާބުކޮށްފި
މިއީ އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މި މެޗު އާސެނަލުން ކާމިޔާބުކުރި 16 ވަނަ ފަހަރު
ލިވަޕޫލްގެ މައްޗަށް އާސެނަލް ކުރިހޯދީ ޕެނަލްޓީގައި 5-4 ން

ޕެނަލްޓީގައި އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަން އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 ން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލްގެ މައްޗަށް އާސެނަލް ކުރިހޯދީ 5-4 ންނެވެ.

މިއީ އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު އާސެނަލުން ކާމިޔާބުކުރި 16 ވަނަ ފަހަރެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ލިވަޕޫލުން ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލުންނެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ދިން ޕާހަކުން އާސެނަލަށް ލީޑު ނަގައިދިނީ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންއެވެ.

މި މެޗުގައި ކުޅުނު މޮޅު ޑިފެންސިވް ގޭމާއެކު މެޗުގެ ބޮޑުބައިގައި އާސެނަލުން ލިވަޕޫލް ހުއްޓުވި ނަމަވެސް، މެޗުގެ 73 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖަޕާންގެ ފޯވާޑް ޓަކޫމީ މިނަމީނޯއެވެ. މިއީ ޖެނުއަރީ މަހު ލިވަޕޫލާ ގުޅުނު މިނަމީނޯ ލިވަޕޫލްގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 ން އެއްވަރުވެފައި އޮތުމުން އިތުރު ވަގުތު ނުކުޅެ ނަތީޖާ ނެރުނީ ސީދާ ޕެނަލްޓީންނެވެ. އެގޮތުން ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލުން އެޓީމުގެ ފަސް ޕެނަލްޓީވެސް ކާމިޔާބުކުރިއިރު، ލިވަޕޫލަށް ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީއެވެ. އެގޮތުން ލިވަޕޫލްގެ ޒުވާން ފޯވާޑް ރިއާން ބްރޫސްޓާ ފޮނުވާލި ބާރު ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލިވަޕޫލް ބަލިކޮށް އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރިއިރު، މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އާސެނަލާ ހަވާލުވި މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ހޯދި ދެވަނަ ކާމިޔާބީއެވެ. އާސެނަލުން ވަނީ އާޓެޓާގެ އިރުޝާދުގެ ދަށުން މި ނިމުނު ސީޒަންގެ އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް