ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 22:41
ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ
ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ
ގެޓީ އިމޭޖަސް
ސިލްވާ ޗެލްސީއަށް ބަދަލުވުން
ޗެލްސީއާއެކު އިތުރު ކާމިޔާބީތައް ހޯދަން ބޭނުން: ތިއާގޯ ސިލްވާ
ސިލްވާ ޗެލްސީއަށް ބަދަލުވީ ހިލޭ އެއްބަސްވުމެއްގެ ދަށުން
"ޕީއެސްޖީގައި ހޭދަކުރި ސީޒަންތަކަކީ ކާމިޔާބު ސީޒަން ތަކެއް"

ޗެލްސީއާއެކު އިތުރު ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމަށް ދާދި ފަހުން އެ ކުލަބާއި ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފިއެވެ.

ހިލޭ އެއްބަސްވުމެއްގެ ދަށުން ހުކުރު ދުވަހު ޗެލްސީއާ ގުޅުނު ތަޖުރިބާކާރު ޑިފެންޑަރު ބުނީ ޗެލްސީއާއެކު އެއްބަސްވުމަކަށް އާދެވުމުން ވަރަށް އުފަލުން ހުރި ކަމަށާއި، ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑާއެކު އާދަޔާ ޚިލާފު ޓީމެއްގައި ހިމެނިގެން ކުޅެން ވަރަށް ބޭނުންވެފައި ހުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޗެލްސީއާއެކު އިތުރު ތަށިތަކެއް ހޯދަން ބޭނުންވާ ކަމަށްވެސް ސިލްވާ ބުންޏެވެ.

ތިއާގޯ ސިލްވާ އިތުރަށް ބުނީ ޕީއެސްޖީއާއެކު ހޭދަކުރި ސީޒަންތަކަކީ ކާމިޔާބު ސީޒަންތަކެއް ކަމަށާއި، އެކަމަކު ޕީއެސްޖީ ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ޖެހުނީ އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. އެކަމަކު ޕީއެސްޖީގައި ހޭދަކުރި އަށް ސީޒަނުގައި ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުނު ކަމަށާއި، ޕީއެސްޖީގައި ހޭދަކުރި ދުވަސްތައް ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށްވެސް ސިލްވާ ބުންޏެވެ.

ޕީއެސްޖީގައި އަށް އަހަރު ހޭދަކުރި ސިލްވާ ވަނީ އެޓީމު ދޫކޮށްލީ 315 މެޗު ކުޅެދިނުމަށްފަހުއެވެ. އަދި ވަނީ ޕީއެސްޖީއާއެކު ފްރެންޗު ލީގު ހަތް ފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓިމާއެކު މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

ސިލްވާ އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ބަދަލުވި ހަވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޗެލްސީން ވަނީ ޒުވާން ޑިފެންޑަރު މަލަންގް ސާ އާއި، ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް އާއި، އާރްބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ އާއި، އަޔަކްސްގެ ހަކީމް ޒިޔެކްގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާގެ ސޮއި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް