ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 17:42
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ
ގެޓީ އިމޭޖަސް
މެސީ ބާސާ ދޫކޮށްލުން
މެސީ ލިވަޕޫލަށް ބަދަލުވުމުގެ ފުރުސަތެއް ނެތް: ކްލޮޕް
މެސީ ވަނީ މި ޓްރާންސްފާ ބާޒާރުގައި ކުލަބު ދޫކޮށްލަން ބޭނުންވާކަން މެނޭޖުމަންޓަށް އަންގާފައި
މެސީ ހޯދުމަށް ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށް ކްލޮޕް ބުނި

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ލިވަޕޫލަށް ބަދަލުވުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ދާދި ފަހުން މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމައި، އެކަން އެ ކުލަބުގެ މެނޭޖުމަންޓަށް އަންގާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މެސީ ބާސާގެ މެނޭޖްމަންޓަށް ފޮނުވި ލިޔެކިޔުންތަކުގައި އެދެފައިވަނީ މި ޓްރާންސްފާ ބާޒާރުގައި އެ ކުލަބު ދޫކޮށް ދެވޭ ގޮތަށް އޭނާގެ އެއްބަސްވުން ބަދަލު ކޮށްދިނުމަށެވެ.

ބާސާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތްއިރު، މިހާރު އޮތް ގޮތުންނަމަ މި ޓްރާންސްފާ ބާޒާރުގައި މެސީ ގެންދަން ބޭނުންވާ ކުލަބަކުން، އެއްބަސްވުން އުވާލަން 700 މިލިޔަން ޔޫރޯ ދައްކަން ޖެހޭނެއެވެ. އެހެންކަމުން މެސީ ވަނީ އެއްބަސްވުން ބަދަލުކޮށް، މި ޓްރާންސްފާ ބާޒާރުގައި ހިލޭ އެ ކުލަބު ދޫކޮށް ދިޔުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދެފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ޔޫރަޕްގެ ގިނަ ކުލަބުތަކުން އަންނަނީ މެސީއަށް ފާރަލަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓާ ސިޓީ އާއި، ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާންވެސް ހިމެނެއެވެ. އެކަމަކު ރިޕޯޓުތައް ބުނާ ގޮތުން މެސީ ބަދަލުވުން އެންމެ ގާތީ ޕެޕް ގާޑިއޯލާ އިރުޝާދު ދެމުން އަންނަ ސިޓީއަށެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ކޮންމެ ކޯޗަކުވެސް މެސީ އަމިއްލަ ޓީމަށް ގެންނަށް ބޭނުންވާނެ ކަމަށާއި، އެކަމަކު މެސީ ހޯދުމަށް ލިވަޕޫލަށް ބޮޑު ޚަރަދެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މެސީ ލިވަޕޫލާ ގުޅުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ކްލޮޕް ބުންޏެވެ.

ބާސާ ދޫކޮށްލަން މެސީ އެދުނު ނަމަވެސް، ބޯޑު މެންބަރުން އަންނަނީ މެސީގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މެސީ ދޫކޮށްލަން ބާސާގެ މެނޭޖުމަންޓުން ބޭނުންނުވާ ކަމަށް ބާސާގެ ސްޕޯޓިންގ ޑިރެކްޓަރު ރާމޮން ޕްލޭނެސް ދާދި ފަހުން ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެއްބަސްވުން ބަދަލުކުރުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވެއްޖެ ނަމަ، މެސީގެ ވިސްނުން ހުރީ ޤާނޫނީ ވަކީލުން މެދުވެރިކޮށް ކުރިއަށް ދިޔުމަށެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 634 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް