ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 17:10
ކުޅިވަރާ ބެހޭ ގައުމީ މަޖިލީގެ ރައީސް އިބްރާހީމް އިސްމާއިލް: ޓީޓީގެ އިންތިޚާބާ ގުޅޭ ގިނަ ޝަކުވާތަކެއް ވަނީ ހުށަހަޅާފައި
ކުޅިވަރާ ބެހޭ ގައުމީ މަޖިލީގެ ރައީސް އިބްރާހީމް އިސްމާއިލް: ޓީޓީގެ އިންތިޚާބާ ގުޅޭ ގިނަ ޝަކުވާތަކެއް ވަނީ ހުށަހަޅާފައި
މިހާރު
ޓީޓީ އެސޯސިއޭޝަނުގެ އިންތިހާބު
"ޓީޓީގެ އިންތިޚާބު އިންސާފުވެރިކަމާއެކު ބޭއްވުމަށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ޒިންމާ އަދާކޮށްދެއްވާ"
"އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރާ ލިސްޓަކީ ސައްހަ ލިސްޓެއް ނޫންކަން ހާމަވޭ"
"އިންސާފުވެރި އިންތިޚާބަކަށް ވާނޭ ކަމަށް ބެލެވޭނޭ ކުޑަވެސް ފުރުސަތެއް އޮތް ކަމަށް ގަބޫލެއްނުކުރެވޭ"
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ބޭއްވުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހު

އަންނަ މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބާ ގުޅިގެން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލަތައް ބަލައި، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ މަސްއޫލިއްޔަތު އަމާނާތްތެރިކަމާއެކު އަދާކޮށްދެއްވުމަށް ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ހިމެނޭ މެންބަރުން އެދެފިއެވެ.

ކުޅިވަރާ ބެހޭ ގައުމީ މަޖިލީގެ ރައީސް އިބްރާހީމް އިސްމާއިލަށް ޓީޓީގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރުން ކަމަށްވާ އިބްރާހީމް ލަތީފް އާއި، އާއިޝަތު ނިޝާ އަދި އަލީ އާދަމް މަނިކު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ބޭއްވުނު ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ޖަލްސާގެ ޔައުމިއްޔާ ހޯދުމަށް އެކިފަހަރުމަތިން އެކި ގޮތްގޮތުން މަސައްކަތް ކުރެވުނު ނަމަވެސް، އެކަން ކާމިޔާބުވެފައިނުވާ ކަމަށެވެ. މިހާތަނަށް އެސޯސިއޭޝަނަށް ފޮނުވި ސީޓީތަކާއެކުވެސް ޔައުމިއްޔާ ލިބިފައިނުވާތީ، އެސޯސިއޭޝަނުގެ ރައީސްއަށްވެސް ސިޓީއަކުން އެދިފައިވާ ކަމަށް ހިންގާ ކޮމިޓީގެ މެންބަރުން ވިދާޅުވެއެވެ.

ޔައުމިއްޔާ ބޭނުންވާ އެންމެ މުހިންމު ސަބަބަކީ އެ ޖަލްސާއަކީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާ ބެހޭގޮތުން މަޝްވަރާކޮށް ނިންމުންތަކެއް ނިންމުމަށް ބޭއްވި ޖަލްސާއަކަށް ވާތީ. އަޅުގަނޑުމެން ތިޔަ މަޖިލީހަށް ހުށަހެޅި މައްސަލަ ހުށަހެޅިއިރުވެސް އެ ޔައުމިއްޔާ އެމައްސަލައިގެ ލިޔުންތަކުގައި ހިމެނިފައިނުވަނީ، އެޔައުމިއްޔާ ހޯދުމަށް އޭރުވެސް މަސައްކަތްކޮށް އެހެން ނަމަވެސް، އެސޯސިއޭޝަނުން އެޔައުމިއްޔާ ނުދެއްވުމުގެ ސަބަބުން. އަޅުގަނޑުމެން ގަބޫލުކުރަނީ، އެ އެޔައުމިއްޔާ ދެއްވުމަށް އެސޯސިއޭޝަނުން އުޒުރުވެރިވާ އެއް ސަބަބަކީ، އިސްވެ ދެންނެވި ޖަލްސާގައި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ލިސްޓް ހިންގާ ކޮމިޓީން ފާސްކޮށްފައި ނުވާތީ އެކަން އެޔައުމިއްޔާއިން އެނގެން އޮންނާނެތީ.
ޓީޓީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރުން

މި ހުރިހާ ސަބަބުތަކާއެކު އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރާ އެ ލިސްޓަކީ ސައްހަ ލިސްޓެއް ނޫންކަން ހާމަވާ ކަމަށާއި، އަދި މީގެ އިތުރުން، އެސޯސިއޭޝަނުގެ ނޯޓިސް ބޯޑުގައި ޝާއިއުކޮށްފައިވާ ލިސްޓަކީ އެއްވެސް އިންތިޚާބެއްގައި ވޯޓުލާ މީހުން ދެނެގަނެ ކަށަވަރުކުރުމަށް ބޭނުންވާ އެންމެ އަސާސީ މައުލޫމާތުވެސް ހިމެނޭ ލިސްޓެއް ނޫންކަން ފާހަގަވާއިރު، އެ ލިސްޓުގައި ހިމެނެނީ ހަމައެކަނި ނަމާއި، އައިޑީ ކާޑު ނަންބަރުގެ ގެ ފަހު ތިން އަދަދު ކަމަށް ހިންގާ ކޮމިޓީގެ މެންބަރުން ވިދާޅުވެއެވެ.

ޓީޓީ އެސޯސިއޭޝަނުން އަމަލުކުރަމުންދާ ގޮތުން ވޯޓުލުމުގެ ހައްގު ލިބފައިވާ މީހުން ދެނެގަންނާނެ ގޮތެއް ނެތްއިރު، އިންތިޚާބުގައި ވާދަކުރާ ބައެއް ފަރާތްތަކަކީ އިންތިޚާބު ހިންގާ ފަރާތް ކަމަށްވެސް ވާތީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ފަރާތްތަކެއްގެ ހުރިހާ މައުލޫމާތު އެފަރާތްތަކަށް ލިބިފައިވާ ކަމަށް ހިންގާ ކޮމިޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާ ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

ޓީޓީ އެސޯސިއޭޝަނުން އަމަލުކުރަމުންދާ ގޮތުން ކުރިއަށް އޮތް އިންތިޚާބަކީ، އިންސާފުވެރި އިންތިޚާބަކަށް ވާނޭ ކަމަށް ބެލެވޭނޭ ކުޑަވެސް ފުރުސަތެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، އެސޯސިއޭޝަނުން ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުން އެގެންދަވާ ޤާނޫނާ ގަވާއިދާ އަދި އާންމު އިޖުރާއަތުތަކާ ޚިލާފު އަމަލުތައް ހުއްޓުވައި ދެއްވައި، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ މަސްއޫލިއްޔަތު އަމާނާތްތެރިކަމާއެކު އަދާކޮށްދެއްވުމަށް އިޚުލާސްތެރިކަމާއެކު ދަންނަވާ ކަމަށް އިބްރާހީމް އިސްމާއިލަށް ފޮނުއްވި ސިޓީގައި ހިންގާ ކޮމިޓީގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް މީގެ ކުރިންވެސް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނަށް ހުށަހަޅާފައިވީ ނަމަވެސް، އެކަންބޮޑުވުންތަކަށް އެކަށީގެންވާ ފިޔަވަޅެއް އަދި ޖަވާބެއްވެސް ސްޕޯޓްސް ކޮމިޝަނާ އަދި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުންވެސް ދީފައެއްނުވެއެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު އަންނަ މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ރައީސްގެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އަދި ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ. ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަޒާންދާރުގެ މަގާމާއި، ފިރިހެން އަދި އަންހެން މެންބަރުން ތަމްސީލްކުރާ ގޮނޑި އާއި، ކުލަބުތަކާއި ބެލެނިވެރިން ތަމްސީލުކުރާ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ.

އިންތިޚާބާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، ކުރިއަށް އޮތް އިންތިޚާބުގައި 15 ކުލަބަކާއި، 270 މެންބަރުން ވޯޓުލާނެ ކަމަށާއި، މިހާރުގެ ހާލަތާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް