ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 16:53
ދެކުނު ކޮރެއާގައި ކޮވިޑް-19ށް މީހަކު ޓެސްޓްކުރަނީ
ދެކުނު ކޮރެއާގައި ކޮވިޑް-19ށް މީހަކު ޓެސްޓްކުރަނީ
ރޮއިޓަރސް
ކޮވިޑް-19 ސައުތުކޮރެއާގެ ހާލަތު
ދެކުނު ކޮރެއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާއިރު މިވަގުތު ފަރުވާދިނުމަށް ބާކީ ހުރީ 15 އެނދު
ސަތޭކައިން މަތިން މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރާތާ 16 ދުވަސް
ޗާރޗަކުން އިންތިޒާމުކޮށްގެން ބޭއްވި ސިޔާސީ އެއްވުމަކާއި ގުޅިގެން އައު ކޭސްތަކެއް ވަނީ ފެންނަން ފަށާފައި
ސޯލްގެ ރެސްޓޯރެންޓްތަކާއި ބޭކަރީތައް ރޭގަނޑު 9ން ފެށިގެން ހުޅުވާފައި ބެހެއްޓުން ވަނީ މަނާކޮށްފައި

ސައުތުކޮރެއާގައި ކޮވިޑް-19 ގެ އައު ކޭސްތައް ގިނަ އަދަދަކަށް ފެންނަން ފެށުމާއެކު ބަލި މީހުންނަށް ފަރުވާދިނުމަށް ހުރި އެނދުތައް ފުރެން ފަށައިފި އެވެ.

ހޮނިހިރު ދުވަހު ކޮވިޑް-19 ޖެހިގެން 300ށް ވުރެ ގިނަ މީހުން ރިޕޯޓްކޮށްފައިވާއިރު މިއީ ސަތޭކައިން މަތިން މީހުންނަށް ކޮވިޑް-19ން، ޖެހިޖެހިގެން ރިޕޯޓްކުރަމުން އަންނަ 16 ވަނަ ދުވަހެވެ.

ކޮރެއާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ކޭސީޑީސީ)ން ހާމަކޮށްފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ ދަންވަރާ ހަމައަށް އެދުވަހު 308 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އެއާއެކު އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 19،400ށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 321ށް އަރާފައެވެ.

ދެކުނު ކޮރެއާ އަކީ ޗައިނާއިން ބޭރުން އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ގިނަ ފިޔަވަޅުތަކާއެކު އެގައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކޮށްފައިވަނިކޮށް މިމަހު އެގައުމުގެ ޗާރޗަކުން އިންތިޒާމުކޮށްގެން ބޭއްވި ސިޔާސީ އެއްވުމަކާއި ގުޅިގެން އައު ކޭސްތަކެއް ވަނީ ފެންނަން ފަށާފައެވެ. ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި މިއެއްވުމުގައި ދިހަހާހެއްހާ މީހުން ދެކުނު ކޮރެއާގެ އެކި ސަރަހައްދުތަކުން ވަނީ ބައިވެރިވެފައެވެ.

އަލަށް މިފެނުނު ކޭސްތަކާއެކު ސޯލްގައި ހާލުބޮޑު ބަލި މީހުންނަށް ފަރުވާދިނުމަށް އެނދު ލިބެންހުރި މިންވަރަކީ 4.5 އިންސައްތައެވެ. ހުކުރު ދުވަހާ ހަމައަށް 4.5 އިންސައްތައިގަ ޖާގަ ހުރިނަމަވެސް މީގެ ހަފްތާއެއް ކުރިން ޖާގަހުރީ 22 އިންސައްތައިގައެވެ.

މިހާރު ސޯލްގައި ކޮވިޑް-19 ގެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާދިނުމަށް ލިބެންހުރީ 15 އެނދު. އެއީ ސީރިއަސް ހާލަތުގައި ތިބި ބަލި މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ
ޔޫން ޓައެ ހޫ/ ޕަބްލިކް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫން ވިދާޅުވީ މިވަގުތުން ވަގުތަށް ހަމައެކަނި 15 އެނދު ހުސްކޮށް ހުރިނަމަވެސް ވަރަށް އަވަހަށް އިތުރު އެނދު ލިބޭނެކަމަށެވެ. އެއީ ބަލިން ފަސޭހަވެގެން ގިނަ އަދަދެއްގެ ބަޔަކު ދޫކޮށްލާނެތީ ކަމަށް ޔޫން ވިދާޅުވިއެވެ.

ކޭސްތައް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމުގެ ގޮތުން ދެކުނު ކޮރެއާގެ ސަރުކާރުން ހުކުރު ދުވަހު ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ތަނަކުން ޚިދުމަތް ދިނުމުގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. ޗާރޗްތަކުންނާއި އޮފީސްތައް އަދި ނާރސިންގ ހޯމްތަކުންނާއި މެޑިކަލް ފެސިލިޓީތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަދިވެސް އަންނަނީ މަތިވަމުންނެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ސޯޝަލް ޑިސްޓޭންސް ގެންގުޅުންފަދަ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

އާދިއްތަ ދުވަހުން ފެށިގެން ހަފްތާއަކަށް ސޯލްގެ ރެސްޓޯރެންޓްތަކާއި ބޭކަރީތައް ރޭގަނޑު 9ން ފެށިގެން ހުޅުވާފައި ބެހެއްޓުން ވަނީ މަނާކޮށްފައެވެ. އަދި ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާކަމަށް ފާހަގަކުރެވިފައިވާ ކޮފީ ޝޮޕްތަކުން ޑެލިވަރީ ކުރުމާއި އެތަންތަނުން ކާތަކެތި ގެންދިޔުން ވަނީ މަނާކޮށްފައެވެ.

މިހާރުވެސް ޗާރޗްތަކާއި ނައިޓްކްލަބްތައް އަދި ޖިމްތަކާއި ގިނަ ސްކޫލްތަކެއް ވަނީ ބަންދުކޮށްފައެވެ. އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

އަނެއްކޮޅުން ދެކުނު ކޮރެއާގެ ޑޮކްޓަރުންނާއި އިންޓާނުންގެ ތެރޭގައި ހިމެނޭ 16،000 މީހުން އަންނަނީ އެގައުމުގެ ޑޮކްޓަރުން އިތުރުކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ދެކޮޅަށް މުޒާހަރާކުރަމުންނެވެ. އޮގަސްޓްމަހުގެ 21ން ފެށިގެން މިމީހުން މުޒާހަރާކުރަމުން އަންނައިރު އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ އެކަމުގައި އިސްކޮށް އުޅޭ 10 ޑޮކްޓަރުންގެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

އެހެންނަމަވެސް މުޒާހަރާކުރަމުންދާ ޑޮކްޓަރުން އަންނަނީ ވަގުތީ ގޮތުން ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރަމުންނެވެ. އެއާއެކު ބޮޑެތި ހޮސްޕިޓަލްތަކުން އަންނަނީ ޚިދުމަތް ދިނުމުގައި ދަތިތައް ދިމާވަމުންދާތީ އެކަން ފާހަގަކުރަމުންނެވެ.

- ކޮމެންޓް