ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 14:32
އައިވަރީ ކޯސްޓްގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ
އައިވަރީ ކޯސްޓްގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ
ގެޓީ އިމޭޖަސް
އެފްއައިއެފްގެ އިންތިޚާބު ހުއްޓުވުން
ފީފާއިން އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިޚާބު ހުއްޓުވައިފި
ޑްރޮގްބާގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން ވަނީ ނިންމާފައި
ފީފާއިން އަންނަނީ އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިޚާބުގެ ކަންކަން ބަލަމުން

އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިއެފް) ގެ އިންތިޚާބީ މަސައްކަތް ސަސްޕެންޑް ކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފިއެވެ.

ފީފާއިން އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިޚާބީ މަސައްކަތް ސަސްޕެންޑް ކުރަން އެންގިއިރު، މިދިޔަ ބުރާސްފަތި ދުވަހު އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިޚާބީ ކޮމިޓީން ވަނީ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން ނިންމާފައެވެ.

ކުރީގެ ކުޅުންތެރިންނާއި އައިވަރީ ކޯސްޓުގެ ގިނަ ފުޓްބޯޅަ ސަޕޯޓަރުންގެ ތާއީދު ބޮޑު ޑްރޮގްބާގެ ފޯމު ބަލައިނުގަންނަން އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިޚާބީ ކޮމިޓީން ނިންމީ ކެންޑިޑެސީ ފޯމު ހުށަހެޅިއިރު ޑްރޮގްބާ ހިމަނާފައިވާ މައުލޫމާތުތައް ސައްހަ ނުވުމުންނެވެ.

އެއާއެކު ފީފާއިން އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑެރޭޝަނަށް ފޮނުވި ސިޓީގައި ވަނީ އެ އިދާރާއިން އިންތިޚާބުގެ ކަންކަން ބަލާ ވަކިގޮތެއް ނިންމަންދެން، އިންތިޚާބީ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް އަންގާފައެވެ.

ކެންޑިޑެސީ ފޯމު ބާތިލުކުރުމުން ޑްރޮގްބާގެ އިންތިޚާބީ ޓީމުން ބުނެފައިވަނީ ކެންޑިޑެސީ ބާތިލުކޮށްފާނެކަން ކުރިންވެސް އޮތީ އެނގިފައި ކަމަށާއި، އެކަން އެޕީލް ކުރާން ލިބިފައި އޮތް ފަސް ދުވަހުގެތެރޭގައި އަލުން ކަންތައްތައް ފުރިހަމަކުރުމަށް ފަހު އިންތިޚާބުގައި ޑްރޮގްބާ ވާދަކުރާނެ ކަމަށެވެ.

އިންތިޚާބީ ކޮމިޓީން މިހާތަނަށް ބަލައިގަނެފައިވަނީ ދެ ބޭފުޅެއްގެ ކެންޑިޑެސީއެވެ. އެއީ މިހާރުގެ ނައިބު ރައީސް ސޮރީ ޑައިބޭޓް އާއި ކުރީގެ ނައިބު ރައީސް އިދްރީސީ ޑިއާޔޯއެވެ.

ޑްރޮގްބާގެ ކެންޑިޑެސީ ފޯމު ބާތިލުކުރިއިރު، މީގެ ކުރިން އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް ޑްރޮގްބާ ގެންނަން ތާއީދުނުކުރަން އެ ގައުމުގެ ކުޅުންތެރިންގެ ޔޫނިއަނުން ވަނީ ނިންމާފައެވެ. އެއާއެކު އެ ޖަމުޢިއްޔާ ސަސްޕެންޑް ކުރަން ދުނިޔޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯއިން ނިންމިއެވެ.

އައިވަރީ ކޯސްޓް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްގެ މަގާމަށް ވާދަކުރުމަށް ޑްރޮގްބާ މަސައްކަތް ކުރަމުން އަންނައިރު، އޭނާ އަންނަނީ ފުޓްބޯޅައިގެ ބޭރުންވެސް އައިވަރީ ކޯސްޓާއި އެފްރިކާ ބައްރަށް އެހީތެރިވަމުންނެވެ.

އައިވަރީ ކޯސްޓް ގައުމީ ޓީމަށް 2002-2014 ށް 105 މެޗުން 65 ލަނޑު ޖަހާދީފައިވާ ޑްރޮގްބާ ވަނީ އެ ގައުމަށް ގިނަ މެޗުތަކެއް ކުޅެދީ 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް