ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 13:19
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޗެންނާއި ސިޓީ އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޗެންނާއި ސިޓީ އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން
އޭއެފްސީ
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް ކެންސަލް ކުރަނީ؟
މިހާރު މެޗުތައް ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދަށް
ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ މެޗުތައް ބައެއް ސަރަހައްދުތަކުގައި ކުރިއަށްގެންދެވޭނެ ގޮތެއް ނެތް

ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމުގެ ވިސްނުމެއް އޭއެފްސީ ގެންގުޅޭ ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެފިއެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް މެދުކަނޑާލީ މާޗު މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން އޭއެފްސީން ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒް ކޮށްގެން އޮކްޓޯބަރު މަހު އަލުން ފެށުމަށް ނިންމާފައެވެ. އެގޮތުން ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕްގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެކަމަކު ދާދި ފަހުން ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕްގެ މެޗުތައް ބައެއް ސަރަހައްދުތަކުގައި ކުރިއަށްގެންދެވޭނެ ގޮތެއް ނެތެވެ. އެގޮތުން ބައެއް ގްރޫޕްތަކުގެ މެޗުތައް ހޯސްޓް ކުރާނެ ގައުމެއް ނެތް ކަމަށާއި، އެހެން ގައުމުތަކުގައި އެކި މައްސަލަތައް އެބަހުރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެހެންކަމުން މުބާރާތް ކެންސަލް ކުރުމާ މެދު ގޮތެއް ނިންމަން އޭއެފްސީގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބެލެވޭ ގޮތުގައި އަންނަ މަހުގެ ތެރޭގައި ރަސްމީކޮށް މި ކަމުގައި ގޮތެއް ކަނޑައެޅާނެއެވެ.

އޭއެފްސީ ކަޕްގެ އިތުރުން މިއަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުވެސް ކެންސަލް ކުރަން ޖެހިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު މީގެ ކުރިން އޭއެފްސީން ވަނީ މި ދެ މުބާރާތް ކެންސަލް ނުކޮށް މުބާރާތް ފުރިހަމަކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުނެފައެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގެ މެޗުތައް ބޭއްވުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވާއިރު، މިހާރު އޮތް ތާވަލުގެ ދަށުން އަންނަ އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަކެއް މާލޭގައި ކުރިއަށްދާނެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގައި މިފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެއެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއެވެ.

މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފައެވެ. އެ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުން އެޓީމު ވަނީ 5-1 ން ބަލިވެފައެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ 2-2 ން އެއްވަރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް