ހ. މެރިން ޑްރީމްގައި ހުރި އޭޓީއެމް ސެންޓަރު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ބީއެމްއެލްގެ މި އޭޓީއެމް ސެންޓަރު ބަންދުކޮށްފައި މިވަނީ ހުކުރު ދުވަހުގެ ރޭ އޭޓީއެމް ސެންޓަރާއި ޖެހިގެން ހުރި ކެފޭ ޓިއޯލޯގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި އޭޓީއެމް އަލުން ހުޅުވެންދެން މާލެ ސަރަހައްދުގެ އެހެން އޭޓީއެމްތައް ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ.
މެރިން ޑްރީމްގައި ހުރި ޑޮލަރު އޭޓީއެމް ސެންޓަރަކީ މާލޭގައި ހުރި ބީއެމްއެލްގެ ހަމައެކަނި ޑޮލަރު އޭޓީއެމްއެވެ. ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ދެން ހުންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެގައިއެވެ.
ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ކެފޭ ޓިއޯލޯ އެއްކޮށް އަނދާފައިވާ އިރު، އެ ކެފޭއާއި އިންވެގެން ހުރި އެހެން އިމާރާތްތަކަށް ވެސް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދޭ އިރު، ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ނުޖެހޭ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީއިން ވަނީ ބުނެފައެވެ.