ކ. މާލެ
|
28 އޯގަސްޓް 2020 | ހުކުރު 20:27
މީގެ ކުރިން އެންބީއޭގެ ކުޅުންތެރިން \"ބްލެކް ލައިވްސް މެޓާ\" ކެމްޕެއިންގައި ބައިވެރިވަނިކޮށް
މީގެ ކުރިން އެންބީއޭގެ ކުޅުންތެރިން "ބްލެކް ލައިވްސް މެޓާ" ކެމްޕެއިންގައި ބައިވެރިވަނިކޮށް
ގެޓީ އިމޭޖަސް
ޓްރަމްގެ ނުރުހުން އެންބީއޭއަށް
އެންބީއޭ އަކީ ސިޔާސީ ހާއްޔަކަށް ވެފައިވާ ތަނެއް: ޓްރަމްޕް
އެމެރިކާގެ އެކި ކުޅިވަރު ކުޅުންތެރިން އަންނަނީ ބްލޭކަށް ހަމަލާ ދިނުމާ ދެކޮޅަށް މުޒާހަރާކޮށް، މެޗުތައް ކުޅެން ދެކޮޅު ހަދަމުން
ބުރާސްފަތި ދުވަހު ކުޅުމަށް ތާވަލުކުރި ތިން މެޗަށްވެސް ކުޅުންތެރިން ހާޒިރުވެފައެއް ނުވޭ

ޖެކޮބް ބްލޭކަށް ބަޑިން ހަމަލާ ގުޅިގެން ބާސްކެޓްބޯޅަ ކުޅުންތެރިން ޕްލޭއޮފް މެޗުތަކުގައި ނުކުޅެން ނިންމުމާ ގުޅިގެން، ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން (އެންބީއޭ) އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެމެރިކާގެ ދޮން ނަސްލަށް ނިސްބަތްވާ ފުލުސް މީހަކު ދާދި ފަހުން ވަނީ ކަޅު ނަސްލަށް ނިސްބަތްވާ ޖެކޮބް ބްލޭކު ކާރަށް އަރަން އުޅުނު ވަގުތު ބްލޭކުގެ ހަށިގަނޑަށް ބަޑި ޖަހާފައެވެ. މި ހަމަލާގައި ބްލޭކުގެ ހަށިގަނޑަށް ހަތް ވަޒަން އެރިއިރު، ބްލޭކަށް ދެން ހިނގައިބިނގާވެ އުޅެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު އެމެރިކާގެ އެކި ކުޅިވަރު ކުޅުންތެރިން އަންނަނީ އެކަމާ ދެކޮޅަށް މުޒާހަރާކޮށް، މެޗުތައް ކުޅެން ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި އެންބީއޭގެ އިތުރުން އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ވެސް ހިމެނެއެވެ.

ބާސްކެޓްބޯޅަ ކުޅުންތެރިން ޕްލޭއޮފްގައި ނުކުޅުމުން ޓްރަމްޕް އެކަމަށް ރައްދު ދެއްވާ ވިދާޅުވީ އެންބީއޭ އަކީ ސިޔާސީ ހާއްޔަކަށް ވެފައިވާ ތަނެއް ކަމަށާއި، އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކުޅިވަރު ޖަމާއަތްތަކުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުން އެއީ ކުޅިވަރަށް ވެސް އޭގެން ހުތުރު ނަން އަންނާނެ ކަމެއް ކަމަށާއި، އަދި އެކަމުގެ ގެއްލުމާއި ހުތުރު ނަން ލިބޭނީ ގައުމަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެންބީއޭ ޕްލޭއޮފްގައި ބުރާސްފަތި ދުވަހު ކުޅުމަށް ތާވަލުކުރި ތިން މެޗަށްވެސް ކުޅުންތެރިން ހާޒިރުނުވުމުން މެޗުތައް ވަނީ ފަސްކޮށްފައެވެ. އަދި އަލުން މެޗުތައް ހޮނިހިރު ދުވަހު ކުޅުމަށް އެންބީއޭއިން މަސައްކަތް ކުރަމުން އަންނައިރު، ކުޅުންތެރިން އަންނަނީ ކަޅު ނަސްލުގެ މީހުންނާ މެދު އެމެރިކާއިން ގެންގުޅެމުން އަންނަ ތަފާތު ކުރުންތަކަށް ފާޑުކިޔާ،މ އެކަން އެގޮތަށް ނުކުރުމަށް ގޮވާލަމުންނެވެ.

ކުޅުންތެރިން ހާޒިރުނުވެގެން އެންބީއޭ ޕްލޭއޮފްގެ މެޗުތައް ފަސްކުރިއިރު، މީގެ ކުރިން އެމްއެލްއެސްގެ ފަސް މެޗެއްވެސް ވަނީ ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް