ކ. މާލެ
|
28 އޯގަސްޓް 2020 | ހުކުރު 18:06
ޕީއެސްޖީއަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ
ޕީއެސްޖީއަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ
ގެޓީ އިމޭޖަސް
ސިލްވާ ޗެލްސީއަށް ބަދަލުވުން
ހިލޭ އެއްބަސްވުމެއްގެ ދަށުން ތިއާގޯ ސިލްވާ ޗެލްސީއަށް
ސިލްވާ ވަނީ ޗެލްސީއާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައި
ސިލްވާ ޗެލްސީއަށް ބަދަލުވީ ހިލޭ އެއްބަސްވުމެއްގެ ދަށުން
ސިލްވާ އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ބަދަލުވި ހަވަނަ ކުޅުންތެރިޔާ

ޕީއެސްޖީއަށް ކުޅެމުން އައި ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ހިލޭ އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ބަދަލުވެއްޖެއެވެ.

ސިލްވާ ޗެލްސީއަށް ބަދަލުވިކަން ހުކުރު ދުވަހު އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. ޗެލްސީން ނެރުނު ބަޔާނެއްގައި ބުނީ ތަޖުރިބާކާރު ޑިފެންޑަރު ސިލްވާ އެ ކުލަބާއި ގުޅިފައިވާ ކަމަށާއި، މިއީ މި ޓްރާންސްފާ ބާޒާރުގައި ޗެލްސީއާ ގުޅުނު އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކަމަށެވެ. މި ބަޔާނުގައި ޗެލްސީން އިތުރަށް ބުނީ ތިއާގޯ ސިލްވާ އަކީ މަތީ ފެންވަރުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ހުނަރުވެރި ޑިފެންޑަރެއް ކަމަށާއި، ޗެލްސީއާއެކު ސިލްވާ އިތުރު ކާމިޔާބީތައް ހޯދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އުމުރުން 35 އަހަރުގެ ސިލްވާ ޗެލްސީއާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ސިލްވާ ބޭނުންނަމަ އިތުރު އެއް އަހަރު ޗެލްސީގައި މަޑުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕީއެސްޖީގައި އަށް އަހަރު ހޭދަކުރި ސިލްވާ ވަނީ އެޓީމު ދޫކޮށްލީ 315 މެޗު ކުޅެދިނުމަށްފަހުއެވެ. އަދި ވަނީ ޕީއެސްޖީއާއެކު ފްރެންޗު ލީގު ހަތް ފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓިމާއެކު މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

ސިލްވާ އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ބަދަލުވި ހަވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޗެލްސީން ވަނީ ޒުވާން ޑިފެންޑަރު މަލަންގް ސާ އާއި، ލެސްޓާ ސިޓީގެ ޑިފެންޑަރު ބެން ޗިލްވެލް އާއި، އާރްބީ ލެއިޕްޒީގްގެ ފޯވާޑް ޓިމޯ ވާނާ އާއި، އަޔަކްސްގެ ހަކީމް ޒިޔެކްގެ އިތުރުން ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ވިއޭ އެމްބުޔަމްބާގެ ސޮއި ހޯދާފައެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
- ކޮމެންޓް