ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އިސްތިއުފާ ދެއްވައިފިއެވެ.
ޖަޕާނުގެ ނޭޝަނަލް ބްރޯޑްކާސްޓަރ އެންއެޗްކޭ އާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އަބޭ އިސްތިއުފާ ދެއްވާފައިވަނީ ސިއްހީ ހާލުކޮޅު ގޯސްވަމުން އަންނާތީއެވެ. އަބޭ ގެ ސިއްހީ ހާލުކޮޅުގެ ސަބަބުން ސަރުކާރު ހިންގުމަށްދަތިވެ ބުރައަކަށް ވުމަށް އަބޭ ބޭނުންފުޅު ނުވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އަބޭގެ ސިއްހީ ހާލުކޮޅާމެދު ތަފާތު ގޮތްގޮތަށް ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ. އެއީ ދާދިފަހުން ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލަށް ވަޑައިގެންނެވުމާއެކުއެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އަބޭ ވަނީ އޮގަސްޓްމަހު 3 ދުވަހުގެ ޗުއްޓީއެއް ނަންގަވާފައެވެ. އޮގަސްޓްމަހުގެ 17 ވަނަ ދުވަހު އަބޭ ހޮސްޕިޓަލަށް ވަޑައިގެން 7 ގަޑިއިރު ހޭދަކުރައްވާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އަބޭ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ހަޖަމް ކުރުމުގެ ނިޒާމަށް ޖެހޭ ބައްޔެއްކަމުގައިވާ އަލްސަރޭޓިވް ކޮލްއައިޓިސް އަށް ފަރުވާ ހޯއްދަވާފައެވެ. މިއީ ގޮހޮރަށް ޖެހޭ ބައްޔެކެވެ.
އަބޭ ޖަޕާނުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. އޭގެކުރިން 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް ވެސް އަބޭ ވަނީ ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަބޭގެ ބޮޑުވަޒީރުކަމުގެ މިޓަރމް ހަމަވާނީ އަންނަ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށެވެ. ސަރުކާރު ހިންގާ މައި ޕާޓީ ލިބެރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ)އާ އެޕާޓީ އާ ގުޅިފައިވާ އެހެން ޕާޓީތަކުން ވަނީ ޕާޓީގެ ރައީސްކަމާއި ބޮޑުވަޒީރުކަމުގެ ޓަރމް ހަމަވަންދެން އެމަގާމުތަކުގައި ހުންނެވުމަށް ބާރު އަޅާފައިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަބޭއަކީ ޖަޕާނުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި ބޭފުޅާއެވެ. ރިޕޯޓްތައް ބުނާގޮތުން އަބޭ ހުކުރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
އަބޭއަށްފަހު ދެން ބޮޑުވަޒީރު ކަމަށް ވަޑައިގެންފާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަބޭގެ ޑެޕިޔުޓީ އަދި ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވި ޓާރޯ އަސޯ އެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ދެ ވަނަ ވޭވެއް ޖަޕާނަށް އައިސްފައިވާއިރު ވައިރަސް ކޮންޓްރޯލްކުރުމުގައި އަބޭ ގެންގުޅުއްވާ ސިޔާސަތުތަކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ޖޫން މަހުގެ މެދުތެރެއިން ފެށިގެން ކޮވިޑް-19 އާ ގުޅިގެން އަބޭ މީޑިޔާއާ ބައްދަލުކުރައްވާ ވާހަކަ ދައްކަވާފައެއްނުވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ވައިރަސް ކޮންޓްރޯލްކުރުމަށް އަޅުއްވާނެ ފިޔަވަޅުތަކާއި ވެކްސިނެއް ލިބެއްޖެނަމަ ޖަޕާނުގެ މުޅި އާބާދީއަށް ވެކްސިން ލިބޭނެކަމުގެ ވައުދުވެ ވަޑައިގަތުމަށް އަބޭ ދިޔައީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.