ކ. މާލެ
|
27 އޯގަސްޓް 2020 | ބުރާސްފަތި 19:13
އިންޑިއާގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނަ ރެއިލްވޭ ސްޓޭޝަނެއްގެ ސިޑީގެ ޗެންޗޭނު ޑިސްއިންފެކްޓް ކުރަނީ
އިންޑިއާގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނަ ރެއިލްވޭ ސްޓޭޝަނެއްގެ ސިޑީގެ ޗެންޗޭނު ޑިސްއިންފެކްޓް ކުރަނީ
އިންޑިއާ ޓައިމްސް
ކޮވިޑް-19 އިންޑިއާގެ ހާލަތު
އިންޑިއާއިން އަނެއްކާ ވެސް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެ
75000ށް ވުރެ ގިނަ މީހުން އިއްޔެ ޕޮޒިޓިވްވި
3.31 މިލިއަން މީހުން ވަނީ އެގައުމުން ޕޮޒިޓިވްވެފައި

އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިރު ބުދަ ދުވަހަކީ އެ ގައުމުގައި އެންމެ ގިނަ އަދަދަކަށް އެއްދުވަހާ މީހުން ޕޮޒިޓިވްވި ދުވަސް ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހު އެކަނި 75،000ށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. މިއީ އެއްދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ކަމަށް އިންޑިއާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވީ ނަމަވެސް މި އަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އިންޑިއާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ ބަލިމަޑުކަން ފެތުރެން ފެށިފަހުން މިއީ މިހާތަނަށް އެއްދުވަހާ އެންމެ ގިނަ އަދަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަސް ކަމަށެވެ. މިއާއެކު އެ ގައުމުގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނި 3.31 މިލިއަނަށް އަރާފައެވެ. ނަމަވެސް މީގެ ތެރެއިން 2.5 މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 725،000 މީހުންނެވެ.

އިންޑިއާގައި މިހާރު އަމަލު ކުރަމުން އަންނަ ގޮތުން ބަލިން ރަނގަޅުވާ ހުރިހާ އެންމެން ބައްޔަށް އަލުން ޓެސްޓް ކުރަން ނުޖެހެއެވެ. އަދި ބަލި ޖެހޭ މީހުންގެ ތެރެއިން ކުޑަކޮށް އަލާމާތްތައް ހުންނަ ފަރާތްތަކާއި، މެދު މިނެއްގައި އަލާމާތްތައް ހުންނަ ފަރާތްތައް 10 ދުވަސް ވާއިރު އަލާމާތްތައް ބޮޑުކޮށް ނެތްނަމަ ދޫކޮށްލާ އިރު ޓެސްޓް ނުކުރާ ގޮތަށް ވަނީ ނިންމާފައެވެ. ނަމަވެސް ބަލީ ހަލަތު ބޮޑުވާ މީހުން ރަނގަޅުވުމަށްފަހު ދޫކޮށްލާ އިރު ޓެސްޓް ކުރުމަށް ވަނީ ނިންމާފައެވެ.

އިންޑިއާގައި މިހާތަނަށް 60،472 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. ބުދަ ދުވަހު އެކަނި ވެސް 1090 މީހަކު ވަނީ މަރުވެފައެވެ. އަދި އަންގާރަ ދުވަހު ވެސް ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިންޑިއާގެ އެކި ސްޓޭޓް ތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ އިރު ހުޅަނދު ބެންގާލުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އަދި ލޮކްޑައުންގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

ހުޅަނގު ބެންގާލުގެ ޗީފް މިނިސްޓަރ މަމްތާ ބަނަރޖީ ބުދަ ދުވަހު ވިދާޅުވެފައިވަނީ ކޭސްތައް މަދުވިޔަސް އަދި އިތުރުވިޔަސް ކޮވިޑް ފެތުރެމުން އަންނަ ކަމަށާއި، އެކަމާއި ސަމާލުވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ލޮކްޑައުންގެ މުއްދަތުގައި ޒަރޫރީ ހިދުމަތްތައް ދެމުންދާނެ ކަމަށާއި، ސްކޫލްތައް ބަންދުވާނެ ކަމަށެވެ. ނަމަވެސް ކާރުހާނާތަކުގެ މަސައްކަތްތަކާއި، އާންމު ދަތުރު ފަތުރު ނުހުއްޓާނެ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ދުވަސްތައް އެއްކޮށް ލޮކްޑައުން ކުރުމަށް ވަނީ ނިންމާފައެވެ.

އިންޑިއާގައި އެންމެ ހަލުވިކޮށް ކޮވިޑް ފެތުރެމުން އަންނަ ސިޓީ ތަކުގެ ތެރޭގައި އިންޑިއާގެ ވިޔަފާރީގެ މަރުކަޒު މުމްބާއީއާއި، ވެރިރަށް ނިއުދިއްލީގެ އިތުރުން ކެރަލާގެ ބައެއް ހިސާބުތައް ހިމެނެއެވެ. އިންޑިއާ ހިމެނެނީ މުޅި ދުނިޔެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑް ކޭސްތައް ފެނުނު 3 ވަނަ ގައުމުގެ ގޮތުގައެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 24.3 މިލިއަން މީހުން ކޮވިޑް-19 ޖެހިފައިވާ އިރު، އެންމެ ގިނައިން މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިހާތަނަށް 6 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު، އެގައުމުން 183،687 މީހުން ވަނީ މަރުވެފައެވެ. ދެވަނައަށް މި ލިސްޓުގައި ހިމެނެނީ ބްރަޒިލްއެވެ. ބްރަޒިލުން މިހާތަނަށް 3.7 މިލިއަން މީހުން ޕޮޒިޓިވްވެފައިވާ އިރު، އެގައުމުން މިހާތަނަށް 117،756 މީހަކު ވަނީ މަރުވެފައެވެ.

- ކޮމެންޓް