ކ. މާލެ
|
27 އޯގަސްޓް 2020 | ބުރާސްފަތި 19:02
ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ
ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ
ގެޓީ އިމޭޖަސް
ބާޓޮމެއޫގެ ދިފާއުގައި ކަލްޑެރޮން
ބާސާގެ ރައީސް ބާޓޮމެއޫގެ ދިފާއުގައި ރެއާލްގެ ކުރީގެ ރައީސް
މެސީ ބާސާ ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ ބާޓޮމެއޫގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން
ބާސާގެ ރައީސްގެ މަގާމުގައި ހުރެ ބާޓޮމެއޫ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ގަބޫލުކުރާ ކަމަށްވެސް ކަލްޑެރޮން ވިދާޅުވި

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫގެ ދިފާއުގައި ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ރަމޮން ކަލްޑެރޮން ވާހަކަފުޅު ދައްކަވައިފިއެވެ.

ދާދި ފަހުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އެ ކުލަބު ދޫކޮށްލަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ބާޓޮމެއޫއަށް އަމާޒުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މެސީ ބާސާ ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ ބާޓޮމެއޫގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭތީއެވެ.

ބާސާ ދޫކޮށްލަން މެސީ ނިންމުމާއެކު، އެ ކުލަބުގެ ސަޕޯޓަރުން އަންނަނީ ރަސްމީ ދަނޑު ކަމަށްވާ ކޯމްޕް ނޯ ކައިރިއަށް އެއްވެ، ރައީސްގެ މަގާމުން ބާޓޮމެއޫ އިސްތިއުފާ ދިނުމަށް ގޮވާލާ، މުޒާހަރާ ކުރަމުންނެވެ. އަދި އެ މައްސަލައިގައި ބާސާގެ ކުރީގެ ރައީސް ޔޮއާން ލަޕޯޓާވެސް ވަނީ ބާޓޮމެއޫ ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ.

އެކަމަކު ރެއާލްގެ ކުރީގެ ރައީސް ކަލްޑެރޮން ވިދާޅުވީ ބާސާގެ ރައީސްގެ މަގާމު އަދާކުރުމަކީ މީހުން ހީކުރާ ވަރަށް ވުރެން އުނދަގޫ ކަމެއް ކަމަށާއި، އެ މަގާމުގައި ހުންނަން ޖެހޭނީ އެތައް ބައެއްގެ ފާޑުކިޔުމާ އެކުގައި ކަމަށެވެ. އަދި ބާސާގެ ރައީސްގެ މަގާމުގައި ހުރެ ބާޓޮމެއޫ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ގަބޫލުކުރާ ކަމަށްވެސް ކަލްޑެރޮން ވިދާޅުވިއެވެ.

ބާޓޮމެއޫއާ މެދު ހިތްހަމަނުޖެހިގެން މެސީ ބާސާ ދޫކޮށްލާއިރު، މީގެ ކުރިން ބާސާއަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވެސް ވަނީ ވަނީ ބާޓޮމެއުގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭގެ ތެރޭގައި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޒަވީ ހެނާންޑޭޒް އަދި އަންދްރެސް އިނިއެސްޓާ ހިމެނެއެވެ. ރިޕޯޓުތައް ބުނާގޮތުން ޖެނުއަރީ މަހު ބާސާގެ ކޯޗުކަމާ ހަވާލުވާން ޒަވީއަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލީވެސް ބާޓޮމެއުއާ މެދު ހިތްހަމަނުޖެހޭތީއެވެ.

އަންނަ އަހަރު ބާސާގެ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މީގެ ކުރިން ބާޓޮމެއޫ ކުލަބު ހިންގާ ގޮތާ މެދު ހިތްހަމަނުޖުން ފާޅުކޮށް، ބާސާގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެންބަރަކު ވަނީ އޭޕްރީލް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

ބާޓޮމެއޫ އަކީ އެ ކުލަބުގެ 40 ވަނަ ރައީސެވެ. އޭނާ އެންމެ ފުރަތަމަ ބާސާގެ ރައީސްގެ މަގާމާ ހަވާލުވީ 2014 ވަނަ އަހަރު އޭރުގެ ރައީސް ސަންޑްރޯ ރޮސެލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ބޭއްވި އިންތިޚާބު ބާޓޮމެއޫ ވަނީ ކާމިޔާބުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް