ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 15:09
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ
ގެޓީ އިމޭޖަސް
މެގުއާގެ މައްޗަށް ކުށް ސާބިތުވުން
ކުށް ސާބިތުވެ އިންގްލެންޑް ސްކޮޑުން މެގުއާ ބާކީކޮށްފި
ގްރީސްގެ ފުލުހުން މެގުއާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު
މެގުއާ ހައްޔަރުކުރީ ފުލުހުންނާ މާރާމާރީ ހިންގުމާ ގުޅިގެން
މެގުއާއަށް 21 މަހާއި 10 ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް ވަނީ ކޮށްފައި

ގްރީސްގެ ޖަޒީރާ ރަށެއް ކަމަށްވާ މައިކޯނޯސްގައި ޗުއްޓީ ހޭދަކުރިއިރު ހިނގާދިޔަ މާރާމާރީގައި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާއާ ދެކޮޅަށް ކުރި ދައުވާގައި އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން، އިންގްލެންޑްގެ ސްކޮޑުން އޭނާ ބާކީކޮށްފިއެވެ.

މައިކޯނޯސްގައި ޗުއްޓީ ހޭދަކުރަމުން އައި މެގުއާ މިދިޔަ ހުކުރު ދުވަހު ގްރީސްގެ ފުލުހުން ހައްޔަރުކުރީ ހުކުރު ދުވަހު ނެރުނު ފުލުހުންނާ މާރާމާރީ ހިންގުމާ ގުޅިގެންނެވެ. އެ ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނީ ފުލުހުންނާ މާރާމާރީ ހިންގުމާ ގުޅިގެން ތިން ފަތުރުވެރިއަކު މައިކޯނޯސް ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ. އެ ތިން ފިރިހެނުން ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ދެބަސްވުމެއް ހިނގުމުން އެ ސަރަހައްދަށް ދިޔަ ފުލުހުންނަށް އެ މީހުން ހުތުރު އެއްޗިސް ކިޔާ އެތަނުން ފުލުހަކު ކޮއްޕާލުމާ ގުޅިގެންނެވެ. އަދި ޕޮލިސް ސްޓޭޝަން ތެރެއިން ހައްޔަރުކުރަން އުޅުމުން އެކަމަށް ދެކޮޅު ހަދައި، ފަހުން އެތަނުން އެކަކު ފުލުހުންނަށް ރިޝްވަތު ދޭން މަސައްކަތްކުރި ކަމަށްވެސް ގްރީސްގެ ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ތިން މީހުންގެ ތެރޭގައި މެގުއާ ހިމެނޭއިރު، އަނެއް ދެ މީހުންނަކީ މެގުއާގެ ބޭބެ އާއި ރައްޓެއްސެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހު މެގުއާ ކޯޓަށް ހާޒިރުކުރުމަށް އޭނާ ވަނީ ހައްޔަރުން ދޫކޮށްލާފައެވެ. އަދި އަނބުރާ އިންގްލެންޑަށް ދިޔުމުގެ ހުއްދަވެސް ދިނެވެ.

އެކަމަކު މައްސަލަ ބަލާ ނިންމުމަށްފަހު އަންގާރަ ދުވަހު ކޯޓުން ވަނީ މެގުއާގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުން ކޮށްފައެވެ. މެގުއާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ސަރުކާރުގެ އޮފިޝަލަކާ މާރާމާރީ ހިންގުމުގެ އިތުރުން ރިޝްވަތު ދޭން އުޅުން ހިމެނެ އެވެ. މި މައްސަލަ ބެލި ފަނޑިޔާރު ވަނީ މެގުއާއަށް 21 މަހާއި 10 ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް ކޮށްފައެވެ. އެހެންވެ ހުކުން ތަންފީޛުކުރާނީ އިތުރު ކުށެއްކޮށްފި ނަމައެވެ.

އަންނަ މަހުގެ ކުރީކޮޅުގައި އޮތް ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗަށް ނެގި އިންގްލެންޑްގެ ގައުމީ ސްކޮޑުގައި މެގުއާ ހިމެނި ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުވުމާއެކު އިނގިރޭސި އެފްއޭގެ ޑިސިޕްލިނަރީ ޕްރޮޓޮކޯލްއާ އެއްގޮތަށް މެގުއާ ޓީމުން ބާކީކޮށްފައިވާ ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ ބުނެފައެވެ.

މި މައްސަލައިގައި މެގުއާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ދެން ކުރިއަށްދާނީ އޭނާގެ ޤާނޫނީ ޓީމުން ކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް